ބ. ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުދިއުމަށް ތުޅާދޫ ކައުންސިލުން އަންގައިފިއެވެ.
އެޗްޕީއޭ އިން ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ރޯގާގެ އަލާމާތްތަކެއް ހުރެގެން ތުޅާދޫ ސިއްޙީމަރުކަޒަށް ދެއްކި 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ތުޅާދޫ ކައުންސިލުން ބުނީ ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުދިޔުމަށާއި، ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗް.ޕީ.އޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.
މީގެ އިތުރުން، ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ބ. ތުޅާދޫ ސިއްޙީމަރުކަޒުގެ ހޮޓްލައިން އަށް ގުޅައި މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ތުޅާދޫ ސިއްޙީމަރުކަޒުން ވަނީ އެދިފައެވެ.
ތުޅާދޫން މީގެ ކުރިން ވެސް ބައެއް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު، އެއީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެހެންވެ، އާއްމުންގެ ތެރޭގައި ބަލި ފެތުރުމުގެ ބިރެއް އޭރަކު ނެތެވެ. ނަމަވެސް ރޭ ފެނުނު ހަތަރު ކޭސް އާ ގުޅިގެން އާއްމުންގެ ތެރޭގައި ބަލި ފެތުރިދާނެކަމަށް ވަނީ ބެލެވެން ފަށައިފި އެވެ. އެހެންވެ މިހާރު ތުޅާދޫ ސިއްޙީމަރުކަޒުން ދަނީ ކޮންޓެކްޓް ޓްރޭސިންގ ހަދައި ސާމްޕަލް ނަގަމުންނެވެ.



