އޭދަފުށި ކްލަސްޓަރ: ޕޮޒިޓިވްވި އަދަދު 71 އަށް އަރައިފި

އޭދަފުށި ކްލަސްޓަރ: ޕޮޒިޓިވްވި އަދަދު 71 އަށް އަރައިފި

Share on twitter
Share on telegram

ބ. އޭދަފުށިން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވީ 23 މީހުން ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އޭދަފުށީ ފްލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އޭދަފުއްޓަށް އަރައިފޭބުން މަނާކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހަމަ އެދުވަހު ފްލޫ ކްލިނަކަށް ދެއްކި އެހެން މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ދެ މީހުންނާ ކޮންޓެކްޓުވި މީހުންނާއި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ގިނަ ބަޔަކު ދެތިން ދުވަސްތެރޭ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މިރަށުން ވަނީ ރެންޑަމް ސާމްޕަލް ހިމެނޭގޮތަށް 609 ސާމްޕަލެއް ނަގައިފަ އެވެ. އޭގެ ތެރެއިން 50 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ.

އެ ސާމްޕަލްތަކުގެ ތެރެއިން ރޭ ދަންވަރު ނަތީޖާ ލިބުނުއިރު 23 މީހަކު ވަނީ ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނެ އެވެ. މިއާ އެކު އޭދަފުށިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 71 އަށް އަރައިފަ އެވެ.

މިބަލި އޭދަފުއްޓަށް ދިޔައީ ކިހިނެއްކަން ސާފެއް ނުވެ އެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި ހުމުގެ ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، ރެންޑަމް ސާމްޕަލް ނަގައިފައެއް ނުވެ އެވެ.

ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހިމޭންވެފަ އެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެ އެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ދުވާލު ވަގުތުތަކުގައި އެކަންޏެވެ. ރޭގަނޑު ފިހާރަތައް ހުޅުވަނީ ހަމައެކަނި ޑެލިވަރީއަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.