ބ. އޭދަފުށިން ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، އޭޕްރިލް 1 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް އެންގި އެންގުމާއި ގުޅިގެން މިހާތަނަށް ބ.ތުޅާދޫގައި ހޯމްކަރަންޓީން ކޮށްފައިވާ 93 މީހުންގެ ތެރެއިން 31 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ފޮނުވައިފިއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން، ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، އޭދަފުށި ކްލަސްޓަރ އާއި ގުޅިގެން ތުޅާދޫގައި ކަރަންޓީން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އޭޕްރީލް މަހުގެ 1 އިން 3 އަށް އޭދަފުށިން ތުޅާދޫއަށް ދަތުރުކޮށްފައިވާ 31 ފަރާތެއްގެ ސާމްޕަލް ނަގައި ރޭގެ ވަގުތެއްގައި ކޮވިޑް ޓެސްޓް ކުރުމަށް މިހާރު ވަނީ ފޮނުވާލާފަ ކަމަށެވެ.
މާހީނޫޒް އިތުރަށް ވިދާޅުވީ ކަރަންޓީނު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އޭދަފުށިން ތުޅާދޫއަށް ދަތުރު ކުރިފަހުން 10 ދުވަސް ފާއިތުވެފައިވާ ފަރާތްތަށް، ތުޅާދޫއަށް ދަތުރުކޮށްފައިވާ ތަރުތީބުން ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަމުން ދާނެކަމަށާއި، މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރެގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފިނަމަ އެފަރާތެއްގެ ސާމްޕަލް އިސްކަމެއް ދީގެން ނަގަމުން ދާނެކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންގެ ކެތްތެރިކަމަށާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މާހީނޫޒް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އޭދަފުށިން އިއްޔެ 11 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 48 އަށް ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން އެކަކަށް ކޮވިޑް ސެންޓަރުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



