އޭދަފުށި ވޭދަނައާ ގުޅިގެން ތުޅާދޫން 93 މީހަކު ހޯމް ކަރަންޓީނު ކޮށްފި

އޭދަފުށި ވޭދަނައާ ގުޅިގެން ތުޅާދޫން 93 މީހަކު ހޯމް ކަރަންޓީނު ކޮށްފި

Share on twitter
Share on telegram

ބ. އޭދަފުށިން ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، އޭޕްރިލް 1 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް އެންގި އެންގުމާއި ގުޅިގެން ބ.ތުޅާދޫ އިން މިހާތަނަށް 93 މީހަކު ހޯމް ކަރަންޓީނު ކޮށްފިއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން، ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، ބ.ތުޅާދޫއިން ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރޭގައި ދެ ޖިންސްގެ ދޮށީ އުމުރުގެ މީހުންނާއި ޒުވާނުންނާއި ކުޑަކުދިން ހިމެނޭކަމަށެވެ.

މާހީނޫޒް އިތުރަށް ވިދާޅުވީ ކަރަންޓީނު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އޭދަފުށިން ތުޅާދޫއަށް ދަތުރު ކުރިފަހުން 10 ދުވަސް ފާއިތުވެފައިވާ ފަރާތްތަށް، ތުޅާދޫއަށް ދަތުރުކޮށްފައިވާ ތަރުތީބުން ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަމުން ދާނެކަމަށާއި، މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރެގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފިނަމަ އެފަރާތެއްގެ ސާމްޕަލް އިސްކަމެއް ދީގެން ނަގަމުން ދާނެކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންގެ ކެތްތެރިކަމަށާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މާހީނޫޒް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އޭދަފުށިން އިއްޔެ 25 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 37 އަށް ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން އެކަކަށް ކޮވިޑް ސެންޓަރުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރޭގައި ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން، ބިދޭސީން ވެސް ހިމެނޭ ކަމަށްވެ އެވެ.

އޭދަފުށިން ކޮވިޑް ފެނުނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ބަލި އުޅޭކަން އެނގުނީ ވެސް އަލާމާތްތަކެއް ހުރި އަންހެނަކު، އެރަށު ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކުރުމުންނެވެ. އެއާ އެކު ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އެ ދެމީހުންނާއި ގުޅުން ހުރި މީހުންނާއި ގުޅުން ނެތް މީހުން ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.