ބ. އޭދަފުށިން އިއްޔެ 25 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 37 އަށް އަރައިފަ އެވެ.
އޭދަފުށިން ކޮވިޑް ފެނުނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ބަލި އުޅޭކަން އެނގުނީ ވެސް އަލާމާތްތަކެއް ހުރި އަންހެނަކު، އެރަށު ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކުރުމުންނެވެ. އެއާ އެކު ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އެ ދެމީހުންނާއި ގުޅުން ހުރި މީހުންނާއި ގުޅުން ނެތް މީހުން ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.
ބ. އަތޮޅު ހޮސްޕިޓަލުން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދުވެސް އެރަށުން ވަނީ 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ވޭތުވެ ދެތިން ތިން ދުވަހުގެ ތެރޭގައި މި ރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 37 އަށް އެރީ އެވެ. އޭގެ ތެރެއިން އެކަކަށް ކޮވިޑް ސެންޓަރުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން، ބިދޭސީން ވެސް ހިމެނޭ ކަމަށްވެ އެވެ.
އޭދަފުށިން ނަގާ ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވަނީ ދަރަވަންދޫގައި ހުންނަ ލެބޯރެޓަރީ އަށާއި ނ. މާފަރު ކޮވިޑް ލެބަށެވެ. އާންމުކޮށް ނަތީޖާ ލިބެން އެއް ދުވަސް ނަގަ އެވެ. ބ. އަތޮޅު ހޮސްޕިޓަލުގައި ހުންނަ ޖީން އެކްސްޕާޓް މެޝިނުން ޓެސްޓުކުރަނީ އިމަޖެންސީ ހާލަތުގަ އާއި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުން އެކަންޏެވެ. އެ މެޝިނުން ހެދެނީ ގަޑިއިރަކުން އެންމެ ދެ ޓެސްޓް ކަމަށްވެ އެވެ.

އަތޮޅު ހޮސްޕިޓަލުން ދީފައިވާ އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު މިހާތަނަށް ނަގާފައިވާ 452 ސާމްޕަލްގެ ތެރެއިން 392 މީހުން ނެގެޓީވް ވެފައިވާއިރު ނަތީޖާ ނުލިބި އަދި 23 ސާމްޕަލް ވެއެވެ.
ކޮވިޑްގެ ހާލަތު އޭދަފުށީގައި މިހާރު ވަރަށް ގޯހެވެ. މީގެ ކުރިން ބަލި ނުފެތުރޭ ވަރަށް މިހާރު ބަލި ފެތުރިފައިވާއިރު ކޮވިޑްގެ ބިރުވެރިކަން އޮތުމުން ކައުންސިލުން ރެއިން ފެށިގެން ވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ކޮވިޑް މި ހާލަތުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައިނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި މިފަދަ ބޭނުމަކަށް ބޭރަށް ދިޔަނަމަވެސް އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް ރަށު ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކަން އިސްކަން ދިނުމަށްވެސް ކައުންސިލުން އެދެއެެވެ.
އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައިހިންގާ ބޯކޮށާ ތަންތަން ބަންދު ކުރުމަށާއި އަދި ސައިހޮޓާ ކެފޭފަދަ ތަންތަނުން ވެސް ޑެލިވަރީ ޚިދުމަތް ފިޔަވައި ތަނުގެ ތެރޭގައި ޚިދުމަތް ދިނުމާއި އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގަ އާއި މައިޒާން ތަކުގައި ގިނަބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ބ. އަތޮޅު ހޮސްޕިޓަލުގެ ހޮޓްލައިން 6608309 އާ ގުޅައި އެތަނުގެ ފްލޫ ކްލިނިކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށާ ކުއްލި ހާލަތުގައި 7740374 ނުވަތަ 9998110 ނަންބަރު ފޯނާ ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވެސް ކައުންސިލުން އެދެއެވެ.



