ބ. އޭދަފުށިން ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، އޭޕްރިލް 1 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް ބ. އަތޮޅު ހޮސްޕިޓަލުން މިރޭ އަންގައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ، އޭޕްރިލް އެކެއްގެ ފަހުން، އޭދަފުށިން ފުރާފައިވާ މީހެއް ނަމަ ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށް އެދޭ ކަމަށާއި ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބެން ވާނެ ކަމަށެވެ.
އެ މުއްދަތުގައި އޭދަފުށިން މާލެ އަށް ގޮސްފައިވާ މީހެއް ނަމަ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭ ފްލޫ ކްލިނިކުން ސާމްޕަލް ނަގައި، ނަތީޖާ ލިބެންދެން ކަރަންޓީނުވެ ތިބުމަށް ވެސް ބ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސް ކުރި އެވެ.
އަދި ނަތީޖާ ނެގެޓިވް ވި ކަމުގައި ވިޔަސް، އޭދަފުށިން ގޮސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަ ނުވާ މީހެއް ނަމަ ކޮވިޑު ޓެސްޓު ހެދުމަށް ވެސް ހޮސްޕިޓަލުން އެދެ އެވެ. ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު، އަލުން ޓެސްޓު ކުރަން ޖެހޭނެ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ލިބެންދެން ވެސް ކަރަންޓީނުގައި ތިބެން ޖެހޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އޭދަފުށީގައި އާއްމުންގެ ތެރޭގައި ބަލި ފެތުރެމުންދާކަން ޔަގީންކުރުމަށް އަތޮޅު ހޮސްޕިޓަލުން ވަނީ 300 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރެއިން ބައެއް ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބުނު އިރު، 12 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާއެކު މިހާރު މި ރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 24 އަށް އެރީ އެވެ.
ރަށުގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. ބެލެވޭ ގޮތުގައި މިއަދުގެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ލިބޭއިރު ރެކޯޑް އަދަދަކަށް މިރަށުން މީހުން ޕޮޒިޓިވް ވާނެއެވެ.



