ތުޅާދޫގައި އިމާރާތް ކޮށްފައިވާ 50 ހައުސިންގ ޔުނިޓް، މި ގެތައް ކަށަވަރުވާ ފަރާތްތައް ކަނޑައެޅުމަށް މިއަދު ގުރުއަތު ނެގުމަށް ވަނީ ހަމަޖެހިފައި..

ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުލުން މިއަދު ބާއްވަނީ

ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުލުން މިއަދު ބާއްވަނީ

Share on twitter
Share on telegram

ބ.ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިއަދު ބާއްވާގޮތަށް ތުޅާދޫ ކައުންސިލުން ނިންމައިފިއެވެ.

ތުޅާދޫ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 45 ގެއަށް ކުރިމަތިލި ފަރާތްތަކުގެ ފޯމް އިވެލުއޭޓްކޮށް އެންމެ މަތީން ޕޮއިންޓް ލިބުނު 21 ފަރާތަކަށް ވަނީ ގުރުއަތަކަށް ނުގޮސް ހައުސިންގ ޔުނިޓް ކަށަވަރުވެފައެވެ.

މިގެ އިތުރުން 24 ހައުސިންގ ޔުނިޓު ލިބޭ ފަރާތެއް ކަނޑައެޅުމަށް ނަގާ ގުރުއަތުލުމުގައި ޕޮއިންޓް ލިބުނުގޮތަށް ބަލައި137 ފަރާތެއް ވަނީ ގްރުއަތަށް ގޮސްފައެވެ.

ބ.ތުޅާދޫގައި އިމާރާތްކޮށްފައިވާ 50 ހައުސިން ޔުނިޓް ދޫކުރުމުގެ އުޞޫލުގައިވާ ގޮތުގެ މަތިން ބ.ތުޅާދޫ އަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް 5 ހައުސިންގ ޔުނިޓް ވަނީ ޙާއްޞަ ކޮށްފައެވެ.

24 ހައުސިންގ ޔުނިޓް ކަށަވަރުވާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުމާއި ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކަށް ލިބޭ ގެ ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިއަދުގެ މެންދުރުފަހު14:00 ގައި ބ.ތުޅާދޫ ސްކޫލްގެ ހޯލްގައެވެ.

ތުޅާދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މި ގުރުނެގުމުގެ އެންމެހާ ކަންކަން ކުރިޔަށްދާނީ ތުޅާދޫއިން ގޯތިދޫކުރުމުގެ ވިލަރެސްކޮމިޓީއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތްވާ ގޮތަށާއި އެޗް.ޕީ.އޭ ގެ ގައިޑްލައިންގައި އެއްގޮތްވާ ގޮތަށެވެ.

ރާއްޖޭގެ ރަށްރަށުގެ ތެރެއިން ރަށުގެ ބިން ފުރި ބިންހިއްކަންޖެހުނު އެއް ރަށަކީ ބ.ތުޅާދުއެވެ. އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2002ވަނަ އަހަރުގަވެ. ބިމުގެ ދަތިކަމުގެ ސަބަބުން އެރަށުން ގޯތި ދޫނުކުރާތާ މިހާރު ވަނީ 18 އަހަރު ވެފައެވެ. ރަށަށް ބިން އިތުރުކުރުމަށް 2010ވަނަ އަހަރު ތުޅާދޫން ވަނީ 17 ހެކްޓަރުގެ ބިން ހިއްކާފައެވެ. ހިއްކި ސަރަޙައްދުގެ ބޮޑު އިންސައްތައެއް ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން 88 ގޯތި ދޫކުރުމަށާއި، 50 ހައުސިންގ ޔުނިޓް ދޫކުރުމަށް ނިންމާފައި ވާއިރު މިހާރު ވަނީ ގޯއްޗާއި ހައުސިންގ ޔުނިޓްލިބޭ މީހުންގެ ފައިނަލް ލިސްޓްވެސް އެކުލަވާލާފައިކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

ތުޅާދޫގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވަމުން އަޙުމަދު ރަޝީދު ވިދާޅުވީ އެންމެ ފަހު ހުޅުވާލި 88 ގޯއްޗާއި، 50 ހައުސިންގ ޔުނިޓަށް ރަށުގެ ގިނަ ބަޔަކު އެދުނުކަމަށެވެ.

“ވަރަށް ބޮޑަށް ދަތި މައްސަލައެއްމިއީ. ގޯއްޗަށް އޭރު ހުޅުވާލިއިރު 518 މީހުން ކުރިމަތިލި، އަދި 50 ހައުސިންގ ޔުނިޓަށް 318 މީހުން އެދުނު.” އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

ބ.ތުޅާދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މިދިޔަ އަހަރު ސަރުކާރުން ވަނީ ތުޅާދޫގައި އިތުރު 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ފަށާފައެވެ. ތުޅާދޫގައި އަޅާ ހައުސިންގ ޔުނިޓްތަކަކީ ވަކިވަކި ގެތަކަށް ހަދާ ރޯހައުސްތަކެކެވެ. ކޮންމެ ގެއެއް ހެދުމަށް ހަމަޖެހިފައިވަނީ 1100 އަކަފޫޓުގެ ބިމެއްގައެވެ. ތުޅާދޫގައި އަލަށް ފެށި ޕްރޮޖެކްޓްގައި އަޅާ ހުރިހާ ގެތަކަކީވެސް 3 ކޮޓަރީގެ ގެތަކެވެ. 3 ކޮޓަރިއާއި، 3 ފާޚާނަ އާއި، ސިޓިންގ ރޫމާއި، ބަދިގެ އަދި ސްޓޯރޫމާއި، ލޯންޑްރީ ރޫމްވެސް މިގެތަކުގައި ހިމެނެއެވެ.

ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާއިރު މިހާރު ވަނީ 81 ހައުސިންގ ޔުނިޓްގެ ފައުންޑޭޝަން މަސައްކަތްތައް ނިންމާފައެވެ. މި މަސައްކަތާއިއެކު މުޅި މަޝްރޫޢުގެ 32 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ.

” އަލަށް ހަދާ ޔުނިޓްތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލެވޭނެކަމަށް މިނިސްޓްރިއިން މަޢުލޫމާތު ދޭކަމަށާއި، ކުރީގެ 88 ގޯއްޗާއި، 50 ހައުސިންގ ޔުނިޓާއި، އަދި މިހާރު އަޅާ 100 ރޯހައުސްއާއިއެކު މި މައްސަލައަށް %85 ޙައްލު ލިބޭނެ.” އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

2019 ވަނަ އަހަރާއި 2020 ގެ ބަޖެޓުން 57މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ މި ޕްރޮޖެކްޓަށް ކަނޑައަޅާފައެވެ. މަޝްރޫޢުގެ މަސައްކަތް މުޅިން ނިމޭއިރު 65.3 މިލިއަން ރުފިޔާ މި މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. މި މައްސައްކަތް އަންނަ އަހަރު އޭޕްރިލްމަހަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ތުޅާދޫގެ 558 ގޭބިސީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.