މި އަންނަ އަހަރު ރޯދަމަހުގައި ސަރުކާރުން ރޯދަ ހަދިޔާގޮތުގައި ދެއްވާނީ ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހަކާއި ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކަށް 400 ރުފިޔާގެ ކުޑަ ކަރަންޓު ބިލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީއެންސީއިން ބޭއްވި “ދިވެހިންގެރާއްޖެ” ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަންނަ ރޯދަމަހުގައިވެސް ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށެވެ.
އެގޮތުން މިއަންނަ ރޯދަ ހަދިޔާގޮތުގައި މިއަހަރެކޭ އެއްގޮތައް މަސްދަޅުކޭސް ލިބޭއިރު، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކަށް ކަރަންޓް ބިލަށް އަންނަ ރޯދަމަހު އަރާނީ 400 ރުފިޔާކަމަށްވެސް ރައީސް ވިދާޅުވި އެވެ.
” ކޮންމެ ރަމަޞާންމަހަކުވެސް އަޅުގަނޑުމެން އެބަ ހަދިޔާ ދެން. ނޫނިއްޔާ ކަންތައްތަކެއް އެބަ ފަހިކޮށްދެން. ހަމަ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޞާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޞާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް.” ރައީސް ވިދާޅުވި އެވެ.
މިދިޔަ ރޯދަމަހުގައި ރައީސް ވަނީ މަސްދަޅުކޭސް ކޮންމެ ގޭބީސީއަކަށް ދެއްވުމަށްފަހު، ކަރަންޓުބިލުން ޑިސްކައުންޓް ދެއްވާފަ އެވެ.



