އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ފަހު ވަގުތު މެތިއުސް ޑިލިޓް ޖެހި ލަނޑުން މެންޗެސްޓާ ޔުނައިޓެޑު 2-2 އިން ޓޮޓެންހަމް އަތުން އެއްވަރުވެއްޖެއެވެ.
ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޔުނައިޓެޑެވެ. މި ލަނޑަކީ އަމަދް ޑިއާލޯ ނަގައިދިން ހުރަހަކުން ބޮލުން ޖަހާ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ބްރަޔަން އެމްބުއެމޯ ކާމިޔާބު ކުރި ލަނޑެކެވެ.
ޔުނައިޓެޑުގެ ގޯލު ފޫއަޅުވާލައި, ޓޮޓެންހަމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ 84 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އުޑޮގީ ތިރިތިރިން ނަގައިދިން ހުރަހަކުން ފަހިވި ފުރުސަތަކުން މެތިސް ޓެލް ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައު ރިޗާލިސަން ވަނީ ލަނޑެއް ޖަހާ ޓޮޓެންހަމަށް ފަހު ވަގުތުގައި ލީޑު ނަގައިދީފައެވެ. މެޗުން މޮޅު ވެވުނީކަމަށް ހީކޮށް އޭނާ ވަނީ އުފާފާޅުކުރުމުގެ ގޮތުން ޖާރޒީ ވެސް ބާލާފައެވެ.
ޓޮޓެންހަމުން ފަގު ވަގުތު ލީޑު ނެގި ކަމުގައިވިޔަސް ޔުނައިޓެޑު ވަނީ ހިތްވަރު އަލުވާނުލައި ކުޅެފައެވެ. ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި މެތިއުސް ޑިލިޓް ބޮލުން ޖަހާ ލަނޑެއް ކާމިޔާބު ކޮށް, ޔުނައިޓެޑަށް އެއް ޕޮއިންޓު ކަށަވަރު ކޮށްދިނުމެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 11 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. ޓޮޓެންހަމަށް ވެސް ލިބިފައިވަނީ 18 ޕޮއިންޓު ކަމުގައިވިޔަސް ގޯލުގެ ތަފާތުން އެ ޓީމު އޮތީ ފަސްވަނައިގައެވެ.



