ދާދި ފަހުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 2 މުވައްޒަފުން ނިޔާވި ހާދިސާއާ ގުޅިގެން, މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދު އިތުރަށް ހަރުދަނާ ކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ, ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިން ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ.
މި ހާދިސާތަކާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީއިން ބެލި ބެލުމުން ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެެ. ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ވެސް އެ އުޅަނދު ދުއްވި ކެޕްޓަން އަތުގައި އޮންނަން ޖެހޭ ފެންވަރުގެ ލައިސެންސެއްް ނެތެވެ.
އެހެންކަމުން ޓްރާންސްޕޯޓު މިނިސްޓްރީއިން މި ވަނީ, ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕެޓެންސީ 3000 ގްރޮސްޓަނުގެ ކެޕްޓަނުން ކަމުގައިވަ ކަނޑައަޅާފައެވެ.
ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމިކަމުގެ ސަނަދު އޮތް, އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯސްމެންޓް ލިބިފައިވާ ކެޕްޓަނުން ކަމުގައި އެ މިނިސްޓްރީއިން މި ވަނީ ނިންމާފައެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ކެޕޭސިޓީގެ ކެޕްޓަނުން ނޫނީ އެ އުޅަނދުފަހަރު ނުދުއްވުމަށާއި, އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ބަންދުކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.



