ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު. ފޮޓޯ؛- ރައީސް އޮފީސް

2026ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތަކުން އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ – ރައީސް

2026ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތަކުން އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ – ރައީސް

Share on twitter
Share on telegram

ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، މި ހިނގާ ހަފުތާ ނިމުމުގެ ކުރީން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެ ކަމަށާ، 2026 ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހިމަނުއްވައިގެން ބަޖެޓު ހުށަހަޅުއްވާނީ، ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މިއަހަރު ސޮއިކުރެވި މަސައްކަތް ފެށިފައިވާ މަޝްރޫއުތަކުގެ އިތުރަށް، ދެން ހުރި ވައުދުތައް ފުއްދެވުމަށް ފަހިވާ ގޮތަށް ކަމުގައި ވިދާޅުވިއެވެ.

ގާނޫނީ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބައްސަވާނީ އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ، ރަށު ކައުންސިލްގެ ބަޖެޓުގެ ތެރެއިން، ފޯރުކޮށްދެއްވުމަށް ކައުންސިލްތަކަށް ލާޒިމުވާ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރަށްރަށުގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތަކުގެ އިތުރަށް، އިޖުތިމާއީ ކަންކަމަށްވެސް ބޮޑު ސަމާލުކަމެއް ދެއްވަން ބޭނުންފުޅުވާކަމަށާ، ކުރިއަށް އޮތް އަހަރަކީ ވަކިވަކި ރައްޔިތުންނަށް އެކަން އިޙްސާސްކުރެއްވޭނެ އަހަރެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޅ. އޮޅުވެލިފުށީގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ ކަންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ރައީސް ވިދާޅުވިއެވެ. ކުރިއަށް ގެންދަން ހުރި ގިނަ މަޝްރޫޢުތައްވެސް ގުޅިފައި އޮތީ އެކަމާކަން ފާހަގަކުރައްވައި، މި މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ފެނަކައަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ވަރަށް ގާތުން، ވަރަށް ރަނގަޅަށް، ސީދާ ރައީސް އޮފީހުގެ ފަރާތުން، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައިގެން، މިކަން އަވަސްކުރައްވަން، ވަރަށް ގާތުން މިކަން ބައްލަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ މިއާއެކު ރަމަޟާންމަހުގެ ކުރިއަށް މި މައްސަލަ ހައްލުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޅ. އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ހިމެނިގެން، ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ. މި ހުރިހާ ކަންކަމުގެ ތެރެއިންވެސް ބަނދަރުގެ މަޝްރޫޢުވެގެންދާނީ ރަށުގެ ތަރައްޤީގެ ކުރިމަގަށް ކުރެވޭ އެންމެ މުހިންމު ޢުމްރާނީ އެއް މަސައްކަތްކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަމިއާއެކު، ބިންހިއްކުމުގެ މަޝްރޫއު ނިމިގެންދާއިރު، 15 ހެކްޓަރުގެ ބިން، ޅ. އޮޅުވެލިފުއްޓަށް އިތުރުވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތައުލީމާއި ކުޅިވަރުގެ ދާއިރާއާއެކު، ހުރިހާ ދާއިރާއަކުންވެސް، ރަށަށް ބޭނުންވާ ތަރައްގީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަން، ރައީސް ވަނީ އޮޅުވެލިފުށީގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.