ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު ނުނަގައި ގިނަ ދުވަސްވެފައިވާ ފަރާތްތަކުން ޕާސްޕޯޓާ ހަވާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަ ދުވަސް ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިހެންކަމުން ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ 6 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަރާތްތަކުން މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.
އެ ތާރީހުގެ ނިޔަލަށް ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 19 ވަނަ މާއްދާ، ޕާސްޕޯޓު ކެންސަލްކުރުންގެ (ށ) ގެ 5 ގައިވާ ގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.



