ރިދަން އެކަޑަމީގެ ތިން ތަށި އޮޑިއަށް

ރިދަން އެކަޑަމީގެ ތިން ތަށި އޮޑިއަށް

Share on twitter
Share on telegram

ރިދަން އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދިޔަ ‘ތޮއްޑޫ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕް 2025’ ގައި އޮތް ހަތަރު އުމުރުފުރާގެ ތެރެއިން ތިން އުމުރުފުރައިން ރަން މެޑަލް އޮޑި އެކަޑަމީއިން ހޯދައިފިއެވެ.

19 ސެޕްޓެމްބަރުގައި ފެށިގެން ކުރިއަށް ދިޔަ މި ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 10 އަހަރުން ދަށުގެ އުމުރުފުރާ, 12 އަހަރުން ދަށުގެ އުމުރުފުރާ, 14 އަހަރުން ދަށުގެ އުމުރުފުރާ އަދި 17 އަހަރުން ދަށުގެ އުމުރުފުރާއެވެ.

10 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހާސިލުކުރީ, މި މުބާރާތުގައި ތަފާތު ކުޅުމެއް ދެއްކި އޮޑި އެކަޑަމީއެވެ. އޮޑިން ޗެމްޕިއަންކަން ހާސިލުކުރީ ފައިނަލުގައި އެޑްވެންޗާ އެކަޑަމީ އަތުން 3-0 އިން މޮޅުވެގެންނެވެ. އެ އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޮޑީގެ ކައިސަން އެވެ.

12 އަހަރުން ދަށުގެ އުމުރުފުރާގައި އެޑްވެންޗާ އެކަޑަމީ ވަނީ އޮޑީގެ މައްޗަށް ކުރިހޯދާފައެވެ. އެ ގޮތުން ފައިނަލު މެޗުގައި ޕެނަލްޓީ ޖަހައިގެން އޮޑި ބަލިކޮށް އެޑްވެންޗާ ވަނީ މި އުމުރުފުރާގެ ރަން މެޑަލް ހާސިލުކޮށްފައެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރަނަރ އަޕް ޓީމު އޮޑީގެ އަޒްޔަން އެވެ.

14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހާސިލުކޮށްފައިވަނީ އޮޑި އެކަޑަމީއެވެ. އޮޑިން މި އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އަތުން ފައިނަލުގައި 1-0 އިން ކުރި ހޯދައިގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮޑީގެ އަކްމަލްއެވެ.

17 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ އޮޑިއެވެ. އޮޑިން މި އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ ހޯސްޓު އެކަޑަމީ ކަމުގައިވާ ރިދަން އެކަޑަމީ އަތުން 3-0 އިން ފައިނަލުގައި މޮޅުވެގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮޑީގެ އަފްނާންއެވެ.

މުބާރާތުގެ ހަތަރު އުމުރުފުރާގެ ވެސް ފައިނަލަށް އޮޑި ދަތުރުކުރި އިރު އޭގެ ތެރެއިން ކާމިޔާބު ނުކުރެވި ދިޔައީ ހަމައެކަނި 12 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލެވެ. އެ ފައިނަލުން ބަލިވި ކަމުގައިވިޔަސް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އޮޑީގެ ކުޅުންތެރިޔަކަށް ކަން ފާހަގަކޮށްލަން ޖެހެއެވެ.

އޮޑީގެ ކާމިޔާބީގެ މުގުލުގައި ހުރީ ސަސް އެކަޑަމީގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދި ތަޖުރިބާކާރު ކޯޗް ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.

ތޮއްޑޫގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް އެކަޑަމީތަކަށް އަމާޒުކޮށްގެން މި ގޮތަށް ބޭއްވުނު އެންމެ ބޮޑު އެއް މުބާރާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.