ތުޅާ ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިވިޜަންގެ މެޗުން ދެކުނު ކަންމަތި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރިއިރު، ފިރިހެން ޑިވިޜަންގައި ދެކުނު ކަންމަތިން ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.
ރޭ އަންހެން ޑިވިޜަންގައި ކުޅުނު މެޗު ދެކުނު ކަންމަތިން ކާމިޔާބުކުރީ އެމިޓީއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ދެކުނު ކަންމައްޗަށް ލަނޑު ޖަހައިދިނީ ޝަބާ ޔޫސުފް އާއި މަރިޔަމް ޝައުފާއެވެ. މިމެޗުގައި އެމިޓީގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޔުސްރާ ޔޫސުފްއެވެ.

ރޭ ފިރިހެން ޑިވިޜަންގައި ކުޅުނު މެޗު ދެކުނު ކަންމަތިން ކާމިިޔާބުކުރީ ބޮސް ފިޝަރ އާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ އީވާން އިބްރާހިމް ޒުބައިރުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ދެކުނު ކަންމަތީގެ އިސްމާޢީލް ރަޝީދުއެވެ.

ތުޅާ ފުޓްސަލް މުބާރާތުގައި މިއަދާއި މިރޭ ޖުމްލަ ހަތަރު މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އަންހެން ޑިވިޜަންގެ ދެ ޓީމު ކަމަށްވާ ނޮރިންމަ އާއި ދެކުނު ކަންމަތި ވާދަކުރާއިރު މިމެޗު ފަށާނީ މިއަދު ހަވީރު 16:15 ގައެވެ. އަދި ދެވަނަ މެޗުގައި ފިރިހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ ސަކްސަސް ޔުނައިޓެޑާއި ޓާގެޓް ފުޓްބޯޅަ ޓީމު ވާދަކުރާއިރު މިމެޗު ފަށާނީ 17:15 ގައެވެ. މިރޭ ކުޅޭ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ކުލަބް ތޮޅިހެލޭ އާއި ޒެފާރސް ސްޕޯޓްސް ކުލަބު ވާދަކުރާއިރު މިމެޗު ފަށާނީ 20:30 ގައެވެ. އަދި ދެވަނަ މެޗު 21:30 ގައި ފަށާއިރު މިމެޗުގައި ވާދަކުރާނީ އަލް ސްޓްރައިކަރ އާއި އެފްސީ ބިއްލޫރިއެވެ.



