ތުޅާދޫ ކައުންސިލާއި ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ބާއްވާ “ތުޅާ ފުޓްސަލް މުބާރާތް 2024” ރޭ ފަށައިފިއެވެ.
ތުޅާ ފުޓްސަލް މުބާރާތް ފެށުމަށް ބޭއްވި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ބ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް އެވެ. ރޭގެ ރަސްމިއްޔާތުގައި ތުޅާދޫ ސްޕޯޓްސް ކުލަބުން ހުށަހަޅައިދިން މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ރޭ މުބާރާތް ހުޅުވުމުގެ ގޮތުން މެޗެއް ކުޅެފައިވާއިރު، މިމެޗުގައި ވާދަކޮށްފައިވަނީ ތުޅާދޫ ސްކޫލުން ހޮވާލެވުނު ދެ ޓީމެވެ. މުބާރާތް ފެށުމުގެ ގޮތުން ބ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާހް ވަނީ މުބާރާތުގައި ބޭނުންކުރާ ބޯޅާގައި ސޮއިކުރައްވާފައެވެ.
މި މުބާރާތުގައި ޖުމްލަ 13 ޓީމެއް ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޜަނުގައި 10 ޓީމެއް އަދި އަންހެން ޑިވިޜަންގައި 3 ޓީމެއް ބައިވެރިވެފައިވެއެވެ.

ތުޅާ ފުޓްސަލް މުބާރާތުގެ ޓީމުތަކުގެ ތެރޭގައި މިދިޔަ އަހަރު ތުޅާދޫ ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަން އަލް ސްޓްރައިކަރގެ އިތުރުން ރަނަރަޕް ޒެފާސް ސްޕޯޓސް ކުލަބު ހިމެނެއެވެ. ދެން ހިމެނޭ ޓީމުތަކަކީ ދެކުނު ކަންމަތި، ސަކްސަސް ޔުނައިޓެޑް، އެފް ސީ ބިއްލޫރި، ޓާރގެޓް ފުޓުބޯޅަ ޓީމް، ކުލަބު ތޮޅިހެލޭ، ބޮސް ފިޝަރ، އެފް ސީ ބޮސް ފިޝަރ، އަދި ނޮރިންމަ ޓީމެވެ.
މި އަހަރު މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެންޕިއަންކަން ހޯދި ދެކުނު ކަންމަތި ޓީމާއި މިދިޔަ އަހަރު ރަނަރަޕްކަން ހޯދި އެމިޓީގެ އިތުރުން މި ދިޔަ އަހަރު ވެސް މުބާރާތް ކުޅުނު ނޮރިންމަ ޓީމެވެ.

މިމުބާރާތުގައި މިއަދާއި މިރޭ ހަތަރު މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު 16:15 ގައި އަންހެން ޑިވިޜަންގެ އެމިޓީ އާއި ނޮރިންމަ ވާދަކުރާއިރު ފިރިހެން ޑިވިޜަނުގައި 17:15 ގައި ވާދަކުރާނީ އެފްސީ ބިއްލޫރި އާއި ސަކްސަސް ޔުނައިޓެޑްއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި 20:30 ގައި ދެކުނު ކަންމަތި އާއި ކުލަބް ތޮޅިހެލޭ ވާދަކުރާއިރު، 21:30 ގައި ވާދަކުރާނީ ޓާގެޓް ފުޓްބޯޅަ ޓީމާއި އަލް ސްޓްރައިކަރެވެ.



