”ނާރެސް” ޕޯޓަލް މެދުވެރިކޮށް ލޯކަލް ކައުންސިލްތަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ބޭނުން ކުރުމަށް އިނގިލީގެ ނިޝާން ނަގާ ޑިވައިސް ކައުންސިލްތަކާ ހަވާލު ކޮށްފި އެވެ.
ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ.
ނާރެސް ޕޯޓަލްއާއެކު ކޮންމެ ކައުންސިލަކަށް އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސް ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައިވާކަން އެ ޕޯޓަލް ތަޢާރުފްކުރި ރޭ (19 ޖުލައި 2024)ގައި ސަރުކާރުން ވަނީ ބުނެފައެވެ.
އެއަށްފަހު އެ ޕޯޓަލްއަށް ކައުންސިލަރުން އަހުލުވެރިކުރުވުމުގެ ގޮތުން ހިންގި ޓްރެއިނިން ސެޝަންތަކަށް ފަހު، އިނގިލީގެ ނިޝާން ނަގާ ޑިވައިސް ކައުންސިލްތަކާ ހަވާލު ކޮށްފައުވާކަމަށް ދާޚީލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ޑީއެންއާރުގެ ފަރާތުން ހޮނިހިރު ދުވަހު އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ސެޝަންތަކަށް ފަހު ކައުންސިލްތަކާ ހަވާލު ކުރި ޑިވައިސް ތަކަކީ، 10 އިނގިލީގެ ނިޝާން އެއްފަހަރާ ނެގޭ ޑިވައިސްތަކެކެވެ.
ނާރެސް ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުތަކުގެ ސްޓޭޓަސް ބަލާލެވޭއިރު، މާލެ އެކޭ އެއްފަދައިން އައިޑީ ކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެގޮތް ވަނީ ހަދާފައެވެ.



