ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ކްރޭޒީ ތޮޅިހެލޭގެ މައްޗަށް ކުރިހޯދައި ޒެފާރސް އެސްސީން ސެމީ ފައިނަލުންް ޖާގަހޯދައިފިއެވެ.
ތުޅާދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު ޒެފާރސް އެސްސީން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ގުްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ޒެފާރސް ސެމީގެ ޖާގަ ކަށަވަރުކުރިއިރު، ކްރޭޒީ ތޮޅިހެލޭއަށް ވަނީ ސެމީގެ ފުރުސަތު ގެއްލިފައެވެ.
މިއަދު މެޗުގައި ޒެފާރސްއަށް ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި ލާމިޢު މުޙައްމަދުގެ އިތުރުން ޢަބްދުﷲ ތަހުސީން އާއި އިސްމާޢީލް ދާޢޫދުއެވެ. ކްރޭޒީ ތޮޅިހެލޭ އިން ޖެހި ދެ ލަނޑު ޖަހައިދިނީ އިފާޒް ޢަލީ ރިޒާ އާއި މުހައްމަދު އިއްފާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒެފާރސް އެސްސީގެ ޢަލީ ވިޝާމްއެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަންގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު ސެމީ ފައިނަލުން ޖާގަހޯދީ ޒެފާރސް އެސްސީގެ އިތުރުން ގުރޫޕް އޭގެ އެއްވަަނަ ޓީމުގެ ގޮތުގައި އަލް ސްޓްރައިކާ އާއި ގުރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުލަބް ތޮޅިހެލޭއެވެ. ސެމީ ފައިނަލް ޖާގަ ކަށަވަރުވި ހަތަރުވަނަ ޓީމަކީ ޓާގެޓް ފުޓްބޯޅަ ޓީމެވެ. އެޓީމަށް ސެމީގެ ޖާގަ ކަށަވަރުވީ ދެވަނަ އަށްދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ޓީމުގެ ގޮތުގައެވެ.
މިމުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 19 ވަނަ ދުވަހުއެވެ. އެގޮތުން ސެމީ ފައިނަލް ފުުރަތަމަ މެޗުގައި ވާދަކުރާނީ އަލް ސްޓްރައިކާ އާއި ކުލަބް ތޮޅިހެލޭ އެވެ. ސެމީ ފައިނަލް ފުރަތަމަ މެޗު 20:00 ގައި ފަށާފައި ސެމީ ފައިނަލް ދެވަނަ މެޗުގައި 21:00 ގައި ވާދަކުރާނީ ގްރޫޕް ސީގެ އެއްވަނަ ޓީމުކަމަށްވާ ޒެފާރސް އެސްސީ އާއި ޓާގެޓް ފުޓްބޯޅަ ޓީމެވެ.
ޖުލައި 14 އިން 21 އަށް ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމުތަކަަށް 25،000 ރުފިޔާގެ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމުތަކަށް 15،000 ރުފިޔާ ހުށަހަޅާފައިވެއެވެ.
މި މުބާރާތަކީ ތުޅާދޫގެ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރަށް ލޯބި ޖައްސުވައި ކުޅިވަރުގެ ފަންނާއި، ރޫޙު ދިރުވައި އާލާކޮށް، އަތޮޅާއި ޤައުމީ ފެންވަރުގައި ވާދަކުރާނެ އެކުވެރި، ހުނަރުވެރި، ކުޅިވަރުގެ ޖީލެއް ބިނާކޮށް އެ ކަމަށް ތަރުޙީބު ދިނުމުގެ މަގުޞަދުގައި ބާއްވާ މުބާރާތެއްކަމަށް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވެއެވެ.



