ތުޅާދޫ ގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގައި ޒެފާރސް އެސްސީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވިއިރު، އަހިވައް ކަންމައްޗަށް ސެމީގެ ފުރުސަތު ގެއްލިއްޖެއެވެ.
ތުޅާދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޒެފާރސް އެސްސީން ކާމިޔާބުކުރީ އަހިވައް ކަންމައްޗާ ވާދަކޮށް 8-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އަހިވައް ކަންމަތި ވަނީ މުބާރާތުގައި ކުޅުނު ދެމުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ. އަހިވައް ކަންމަތިން ފުރަތަމަ ކުޅުނު މެޗުން އެޓީމު ބަލިވެފައިވަނީ ކްރޭޒި ތޮޅިހެލޭ އަތުން 2-0 އިންނެވެ.
މިއަދުގެ މެޗުގައި ޒެފާރސް އެސްސީއަށް ލަނޑުތައް ޖަހައިދިނީ ހަތަރު ލަނޑު ޖެހި ޢަބްދުﷲ ތަހުސީން އާއި ދެ ލަނޑު ޖެހި އިބްރާހިމް ތޯއިފްގެ އިތުރުން ޢަލީ ވިޝާމް އާއި އިސްމާޢީލް ދާޢޫދުއެވެ. އަހިވައް ކަންމައްޗަށް ސުން ކަނޑުވާލަދިނީ އަޙްމަދު ޝަހީމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒެފާރސް އެސްސީގެ ޢަބްދުﷲ ތަހުސީންއެވެ.
މި މުބާރާތުގައި މިރޭ ކުޅޭ ދެމެޗުގެ ތެރެއިން 20:15 ގައި ކުޅޭ ފުރަތަމަ މެޗުގައި އަންހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ ދެކުނު ކަންމައްޗާއި ނޮރިންމަ ވާދަކުރާއިރު، ދެވަނަ މެޗުގައި 21:15 ގައި ވާދަކުރާނީ ފިރިހެން ޑިވިޜަންގެ ޓީމް މަލާފަތް އަދި ސަކްސަސް ސިޓީއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީ ފައިނަލުން އަލް ސްޓްރައިކާ އާއި ކުލަބް ތޮޅިހެލޭ ވަނީ ސެމީން ޖާގަ ކަށަވަރުކޮށްފައެވެ. ތިން ގުރޫޕް ހިމެނޭ ފިރިހެން ޑިވޜަން ކުރިއަށްދަނީ ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމު ސެމީއަށް ދާގޮތަށެވެ. އަދި ސެމީ ފައިނަލްގެ ހަތަރު ވަނަ ޖާގަ ލިބިގެންދާނީ ކޮންމެ ގުރޫޕަކުންވެސް ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ޓީމަކަށެވެ.



