ތުޅާދޫގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަނީ

ތުޅާދޫގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަނީ

Share on twitter
Share on telegram

ބ.ތުޅާދޫ ހިމެނޭހެން ޖުމްލަ 20 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ “އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ” (އެޝުއާ) ޕްރޮޖެކްޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން މި މަޝްރޫއަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެތެރޭގެ 20 ރަށެއްގައި “20 މެގަވޮޓް ގްރިޑް ޓައިޑް ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމް” ހަރުކުރަން ނިންމާފައިވެއެވެ.

މި މަޝްރޫއަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ނުވަތަ 7.6 މިލިއަން ދިވެހި ފައިސާ ބަހައްޓަންޖެހޭ ގޮތަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައިވަނީ އޮގަސްޓްމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމަކީ ސަރުކާރުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މިހާރުވެސް މުޅި ރާއްޖޭގައި 53 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކޮށްފައިވާއިރު އިތުރު 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކާ މިދިޔަ ޖެނުއަރީ މަހު ވަނީ ހަވާލުކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.