2022 ވަނަ އަހަރު ތުޅާދޫ ކައުންސިލުން ބޭއްވި ޤުރުޢާން މުބާރާތުގެ ތެރެއިން - ފޮޓޯ: ސޯސިއަލް މީޑިއާ

ތުޅާދޫ ކައުންސިލްގެ ޤުރުޢާން މުބާރާތް އޭޕްރީލް މަހު ބާއްވަން ނިންމައިފި

ތުޅާދޫ ކައުންސިލްގެ ޤުރުޢާން މުބާރާތް އޭޕްރީލް މަހު ބާއްވަން ނިންމައިފި

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލުން ކޮންމެ އަހަރަކުވެސް ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ޤުރުޢާން މުބާރާތް މިއަހަރު އޭޕްރީލް މަހު ބާއްވާ ގޮތަށް ތުޅާދޫ ކައުންސިލުން ނިންމައިފިއެވެ.

ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 121 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވަނީ 2023 ވަނަ އަހަރު ބާއްވާ ޤުރުޢާން މުބާރާތް މިއަހަރުގެ އޭޕްރީލް މަހުގެ 27 އިން 29 އަށް ބޭއްވުވަމަށާއި، ޤުރުޢާން މުބާރާތުގެ ނަތީޖާ ފާޅުކުރުން 2023 މެއި 12 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށެވެ.

2022 ވަނަ އަހަރު ތުޅާދޫ ކައުންސިލުން ބޭއްވި ޤުރުޢާން މުބާރާތުގައި ޖުމްލަ 128 ބައިވެރިއަކު ބައިވެރިވެފައި ވިއެވެ. އެއީ 84 އަންހެން ބައިވެރިންނާއި 44 ފިރިހެން ބައިވެރިންނެވެ. އަދި ނިމިދިޔަ އަހަރު ތުޅާދޫ ކައުންސިލުން އިންތިޒާމްކޮށް ބޭއްވި ޤުރުޢާން މުބާރާތަކީ އަގުހުރި އެތަށް އިނާމްތަކެއް ދެވުނު މުބާރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން ޖުމްލަ 6 އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ހިމެނެނި 4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާ އާއި، 9 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރުފުރައެވެ.

ނިމިދިޔަ ޤުރުޢާން މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ ރާއްޖޭގެ ނިސްބަތުން، ގިނަ މުބާރާތްތަކެއްގައި ފަނޑިޔާރު ކޮށްފައިވާ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ ގާބިލް ތިން ފަނޑިޔާރުންނެވެ.

އެ މުބާރާތުގައި ގިނަ ވަނަތަކެއް ހޮވާފައިވެއެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ  ހޮވުމުގެ އިތުރުން ފަނޑިޔާރުން ފާހަގަކުރައްވާ އެންމެ މޮޅު 12 ބައިވެރިން ހޮވާފައި ވެއެވެ. މީގެއިތުރުން ކޮންމެ އުމުރުފުރައަކުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ އަދި ކޮންމެ އުމުރުފުރާއަކުންވެސް ނުބަލާ ކިޔުމުގެ ބައިން ވަނަތައް ހޮވާފައި ވެއެވެ.

ރަށު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން 2022 ވަނަ އަހަރު ކައުންސިލުން ބޭއްވި ޤުރުޢާން މުބާރާތުގައި ބައިވެރިވެފައިވާ އެންމެ ހަގު ބައިވެރިޔާގެ އުމުރަކީ 4 އަހަރެވެ. އަދި އުމުރުން އެންމެ ދޮށީ ބައިވެރިޔާގެ އުމުރަކީ 74 އަހަރެވެ.

ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މިއަހަރުގެ ޤުރުޢާން މުބާރާތް ބާއްވާނެ ތާރީޙެއް ކަނޑައެޅުމުގެ މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 05 ކައުންސިލަރުންނެވެ. މ ޖަލްސާ އަށް ޙާޟިރުވެފައި ނުވާ ދެ ކައުންސިލަރުން ކަމުގައިވާ، ކައުންސިލަރ ރިޝާދާ މުޙައްމަދާއި ކައުންސިލަރ އަޙްމަދު ޢާދިލް ޖަލްސާއަށް ހާޟިރު ވެފައި ނުވަނީ އަހަރީ ޗުއްޓީގައި ހުންނެވުމުގެ ސަބަބުން ކަމަށް، އާންމު ކޮށްފައިވާ 121 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.

ތުޅާދޫ ކައުންސިލްގެ ޖަލްސާތަކުގެ ނިންމުންތައް ޢާއްމު ކުރަމުންދާ ފޯމެޓްގައި ވަކިވަކި މައްސަލަތަކަށް ކައުންސިލަރުން ވޯޓްދެއްވާފައިވާގޮތް ހާމާކޮށްފައެއް ނުވެއެވެ.

ވީޑިއޯ: 2022 ވަނަ އަހަރު ތުޅާދޫ ކައުންސިލުން ބޭއްވި ޤުރުޢާން މުބާރާތުގެ ނަތީޖާ ފާޅުކުރުން

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.