ބ.ތުޅާދޫ ކައުންސިލް ރައީސް އާއި މެމްބަރުން

ތުޅާދޫ ކައުންސިލުގެ ރޯދަ އިނާޔަތަށް ހެދީ ކިހިނެއް؟ ރައްޔިތުން ވާނުވާގައި

ތުޅާދޫ ކައުންސިލުގެ ރޯދަ އިނާޔަތަށް ހެދީ ކިހިނެއް؟ ރައްޔިތުން ވާނުވާގައި

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ ފާރާތުން ތުޅާދޫ ރައްޔިތުންނަށް ރޯދަ އިނާޔަތެއްގެ ގޮތުގައި 50 ބަސްތާ ވެލި ދިނުމަށް މި މާރޗް މަހުގެ 10 ވަނަ ދުވަހު ވަނީ ނިންމާފައެވެ.

ކައުންސިލުން ރޯދަ އިނާޔަތް ދިނުމަށް ނިންމާ އެ ނިންމުން ކައުންސިލްގެ ވެބްސައިޓްގައި ޢާއްމުކުރިތާ 10 ދުވަސް ފާއިތުވެ، މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން ކަނޑައަޅައި ޢިޢުލާން ކުރި އިރުވެސް އަދާ ހަމަޔަށް ތުޅާދޫ ކައުންސިލުން ރައްޔިތުންނަށް ދޭންބުނި ރޯދަ އިނާޔަތަށް ވީނުވީ ގޮތެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ޙިއްޞާކުރި ރައްޔިތަކު ބުނީ، ކައުންސިލްގެ ވެބްސައިޓްގައާއި ނޯޓިސް ބޯޑުގައި އެ ނިންމުން ޢާންމު ކުރުން ފިޔަވާ އިތުރު ކަމެއް ކައުންސިލުން ކޮށްފައިވާކަން މިއަދާ ހަމަޔަށް ރައްޔިތުންނަށް ހާމަ ކޮށްފައި ނުވާކަމަށާއި، ކައުންސިލަރުން ރައްޔިތުންނަށް ފައިދާހުރި ކިތަންމެ ނިންމުމެއް ނިންމި ކަމުގައި ވިޔަސް ކައުންސިލްގެ އިދާރީ މަސައްކަތްތައް ހިނގަނީ ވަރަށް ދޯހަޅިކޮށް، ބަރަވެލި ދުވެލީގައި ކަމަށެވެ.

ކައުންސިލުން ރޯދަ މަސް ފެށެން 12 ގަޑިއިރަށް ވީމަ ނިދިން ހޭލައި މިއަދުން މިއަދަށް އިޢުލާނެއްކޮށް ކޮންމެ ގެޔަކަށް 50 ބަސްތާ ވެލި ދޫކުރުމަށް ވެލި ޗިޓް ހައްދަން ކައުންސިލަށް ދާން ބުންޏަސް، ރޯދައަށް ތައްޔާރު ވުމަށް ގޭތެރޭގައި ކުރަމުން މިދާ މަސައްކަތް ހުއްޓާލާފައި ނުދެވޭނެ. މިއެއް ނޫންދޯ ރައްޔިތުންނަށް ހެޔޮއެދޭ ރައްޔިތުންގެ އިހުސާސްތައް ދަންނަ ކައުންސިލަކުން ޢަމަލު ކުރާނެ ގޮތަކީ. ރައްޔިތުންނަށް ރޯދަ އިނާޔަތެއް ދިނީމޭ ބުނަން، އަމާ ބުނީތީ ފަރަށްދާ އުޞޫލުން ތުޅާދޫ ކައުންސިލްގެ ޢަމަލުތައް މި ހުންނަނީ. އޭނާ އިތުރަށް ޙިއްޞާ ކުރިއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯދަ އިނާޔަތާއި ގުޅިގެން ބޭއްވި ޖަލްސާގައި އެ މައްސަލައިގެ ބަހުސްގެ މަރުޙަލާ ކުރިޔަށް ދިޔަ ވަގުތު ކައުންސިލަރ ޝުނާނާ އިދުރީސް ވަނީ ރޯދަ އިނާޔަތުގެ ގޮތުގައި 50 ބަސްތާ ވެލީގެ އިތުރުން ތުޅާދޫ ގޭބިސީތަކުގެ ރޯދަމަހުގެ ކުނި ފީ ހިލޭ ކުރުމަށް ހުށަހަޅާފައެވެ.

ރޯދަ އިނާޔަތެއްގެ ގޮތުގައި ކުނި ފީ ހިލޭ ކުރުމަށް ކައުންސިލަރު ޝުނާނާ އިދުރީސް ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުއްވުމަށް އެއްވެސް ކައުންސިލް މެމްބަރަކު ތާޢީދު ކުރައްވާފައެއް ނުވެއެވެ.

ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު އެ މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 06 ކައުންސިލަރުންނެވެ. ކައުންސިލް ރައީސް ޖަލްސާއަށް ހާޟިރު ވެފައި ނުވަނީ ޢާއިލީ ޒިންމާގައި ހުންނެވުމުގެ ސަބަބުން ކަމަށް، އާންމު ކޮށްފައިވާ 119 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.

ތުޅާދޫ ކައުންސިލްގެ ޖަލްސާތަކުގެ ނިންމުންތައް ޢާއްމު ކުރަމުންދާ ފޯމެޓްގައި ވަކިވަކި މައްސަލަތަކަށް ކައުންސިލަރުން ވޯޓް ދެއްވާފައިވާގޮތް ހާމާކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.