ފެނަކައިގެ އިސްވެރިންނާއި ތުޅާދޫ ކައުންސިލަރުން - ފޮޓޯ: ތުޅާދޫ ކައުންސިލް

ޝަހީދުންގެ ދުވަސް: ފެނަކައިން އެޅި ސްޓޭޖަށް ކައުންސިލުން 85 ހާސް ރުފިޔާ ޚަރަދު ކޮށްފި

ޝަހީދުންގެ ދުވަސް: ފެނަކައިން އެޅި ސްޓޭޖަށް ކައުންސިލުން 85 ހާސް ރުފިޔާ ޚަރަދު ކޮށްފި

Share on twitter
Share on telegram

ޝަހީދުންގެ ދުވަސް ޤައުމީ ފެންވަރުގައި މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި ފާހަގަކުރުމަށްޓަކައި ތުޅާދޫ ފެނަކަ ބްރާންޗްއިން އެޅި ސްޓޭޖަށް ތުޅާދޫ ކައުންސިލުން 85،000 (އަށްޑިހަ ފަސް ހާސް) ހަރަދު ކޮށްފިއެވެ.

ޝަހީދުންގެ ދުވަސް ޤައުމީ ފެންވަރުގައި ބ.ތުޅާދޫގައި ފާހަގަކުރުމަށް ދަޢުލަތުން ދެއްވި ބަޖެޓްގެ ޖުމްލައަކީ 398،450.00 (ތިން ލައްކަ ނުވަދިހަ އަށް ހާސް ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) އެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުގެ ތަފްޞީލްގައިވާ ގޮތުން ސްޓޭޖް ހެދުމަށާއި ޖަލްސާ ބާއްވާ ތަން ތައްޔާރުކުރުމަށް ޖުމްލަ 85149.13 (އަށްޑިހަ ފަސް ހާސް އެއް ސަތޭކަ ސާޅީސް ނުވަ ރުފިޔާ ތޭރަ ލާރި) ތުޅާދޫ ކައުންސިލުން ޚަރަދު ކޮށްފައި ވެއެވެ.

މީގެ އިތުރުން ޖަލްސާގައި ބޭނުންކުރި ސައުންޑް ސިސްޓަމް ގަތުމަށް 48،785.01 (ސާޅީސް އަށް ހާސް ހަތް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ އެއް ލާރި) ޚަރަދު ކޮށްފައި ވާއިރު، ޖަލްސާގެ ލައިޓިންގ އަށް 41،500.00 (ސާޅީސް އެއް ހާސް ފަސް ސަތޭކަ) ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.

ހަމައެހެންމެ 02 ރޯލް ރަތް ކާޕެޓް ގަތުމަށް 18،774.72 (އަށާރަ ހާސް ހަތް ސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ހަތްދިހަ ދެ ލާރި) ޚަރަދު ކޮށްފައި ވާއިރު ޖަލްސާގައި ބޭނުން ކުރުމަށް ޕްރޮޖެކްޓަރ ގަތުމަށް 11،382.17 (އެގާރަ ހާސް ތިން ސަތޭކަ އަށްޑިހަ ދެ ރުފިޔާ ސަތާރަ ލާރި) ހަރަދު ކޮށްފައި ވެއެވެ. އަދި ޒީނަތްތެރި ކުރުމަށް 09 ފޭލި ފޮތި ގަތުމަށް 21،035.00 (އެކާވީސް ހާސް ތިރީސް ފަސް ރުފިޔާ) ހަރަދު ކޮށްފައި ވާއިރު 02 ލަވަ ހެދުމަށް 10،950.00 (ދިހަ ހާސް ނުވަ ސަތޭކަ ފަންސާސް ރުފިޔާ) ހަރަދު ކޮށްފައި ވެއެވެ.

މީގެ އިތުރުން ސްޓޭޖްގައި ހަރުކޮށްފައިވާ ބޮޑު ކެންވާރސް އަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ތުޅާދޫ ކައުންސިލަށް ހަދިޔާކޮށްފައިވާ އެއްޗެއްކަމަށް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި ސްޓޭޖް އެޅުމަށް ފެނަކަ މުވައްޒަފުން މަސައްކަތް ކޮށްފައި ވަނީ ޚާއްޞަ ހުއްްދައިގެ ދަށުން އިތުރުގަޑީގެ ފައިސާ ހޯދުމަށް ލިޔެ ހުއްދަ ހޯދައިގެން އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށެވެ.

ހަމައެހެންމެ، ސްޓޭޖް އެޅުމަށް ބޭނުންކޮށްފައި ވަނީ ޓާރޓްލް ސްޓޭޑިއަމް ރޫޅާލައި ނަގާފައިވާ ބައު ދަގަނޑު ހޮޅިތަކާއި ބޮޑު އީދު ފާހަގަކުރުމަށް ގެނައި ފްލައިވްޑް ފިލާގެ އިތުރުން ލަންކާ ސައިޓުން ގެނެސްފައިވާ ފިލަޔާއި ފަތި ކަމަށް ތުޅާދޫ އޮންލައިނަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ފެނަކައިން އެޅި ސްޓެޖަށް 85149.13 (އަށްޑިހަ ފަސް ހާސް އެއް ސަތޭކަ ސާޅީސް ނުވަ ރުފިޔާ ތޭރަ ލާރި) ތުޅާދޫ ކައުންސިލުން ޚަރަދު ކޮށްފައި މިވަނީ މަތީގައި ދެންނެވުނު ވަކިވަކި ކަންކަމަށް ޖުމަލް ހަރަދުވި 152،426.90 (އެއް ލައްކަ ފަންސާސް ދެ ހާސް ހަތަރު ސަތޭކަ ސައްބީސް ރުފިޔާ ނުވަދިހަ ލާރި)   ނުހިމަނާކަން ފާހަގަ ކުރެވެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ދަޢުލަތުން ދެއްވި ބަޖެޓުން ޚަރަދު ކުރުމަށްފަހު ބާކީވެފައި ވަނީ 2،729.32 (ދެ ހާސް ހަތް ސަތޭކަ އޮނަތިރީސް ރުފިޔާ ބައްތިރީސް ލާރި) އެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published.