މާޅޮސްމަޑުލު ދެކުނުބްރީ ތުޅާދޫ ކައުންސިލްގެ ފާރާތުން ތުޅާދޫ ރައްޔިތުންނަށް ރޯދަ އިނާޔަތެއްގެ ގޮތުގައި 50 ބަސްތާ ވެލި ދިނުމަށް ނިންމައިފިއެވެ.
ތުޅާދޫ ކައުންސިލްގެ 04 ވަނަ ދަޢުރުގެ 119 ވަނަ ޢާންމު ޖަލްސާއިން ވަނީ ރަމަޟާންމަހު ކައުންސިލުން ފޯރުކޮށްދޭ އެހީތެރިކަމެއްގެ ގޮތުގައި މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް 50 ގޯނި ވެލި ދޫކުރުމަށް ފެންނަ ކަމަށް ފާސްކުރުމަށް ނިންމާފައެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯދަ އިނާޔަތާއި ގުޅިގެން ބޭއްވި ޖަލްސާގައި އެ މައްސަލައިގެ ބަހުސްގެ މަރުޙަލާ ކުރިޔަށް ދިޔަ ވަގުތު ކައުންސިލަރ ޝުނާނާ އިދުރީސް ވަނީ ރޯދަ އިނާޔަތުގެ ގޮތުގައި 50 ބަސްތާ ވެލީގެ އިތުރުން ތުޅާދޫ ގޭބިސީތަކުގެ ރޯދަމަހުގެ ކުނި ފީ ހިލޭ ކުރުމަށް ހުށަހަޅާފައެވެ.
ރޯދަ އިނާޔަތެއްގެ ގޮތުގައި ކުނި ފީ ހިލޭ ކުރުމަށް ކައުންސިލަރު ޝުނާނާ އިދުރީސް ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުއްވުމަށް އެއްވެސް ކައުންސިލް މެމްބަރަކު ތާޢީދު ކުރައްވާފައެއް ނުވެއެވެ.
ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މި މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 06 ކައުންސިލަރުންނެވެ. ކައުންސިލް ރައީސް ޖަލްސާއަށް ހާޟިރު ވެފައި ނުވަނީ ޢާއިލީ ޒިންމާގައި ހުންނެވުމުގެ ސަބަބުން ކަމަށް، އާންމު ކޮށްފައިވާ 119 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.
ތުޅާދޫ ކައުންސިލްގެ ޖަލްސާތަކުގެ ނިންމުންތައް ޢާއްމު ކުރަމުންދާ ފޯމެޓްގައި ވަކިވަކި މައްސަލަތަކަށް ކައުންސިލަރުން ވޯޓްދެއްވާފައިވާގޮތް ހާމާކޮށްފައެއް ނުވެއެވެ.



