ބ.ތުޅާދޫ ކައުންސިލް ރައީސް އާއި މެމްބަރުން

މިފްކޯއިން ތުޅާދޫ އައިސްޕްލާންޓް ހިންގި ބިމާއި އިމާރާތް ފެނަކައާއި ހަވާލުކޮށްފަވަނީ އެއްބަސްވުމާއި ޚިލާފަށް – ކައުންސިލް މެމްބަރުން

މިފްކޯއިން ތުޅާދޫ އައިސްޕްލާންޓް ހިންގި ބިމާއި އިމާރާތް ފެނަކައާއި ހަވާލުކޮށްފަވަނީ އެއްބަސްވުމާއި ޚިލާފަށް – ކައުންސިލް މެމްބަރުން

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި އައިސްޕްލާންޓް ހިންގި ބިމާއި އިމާރާތް މިފްކޯއިން، ފެނަކައާއި ހަވާލުކޮށްފައި ވަނީ އެއްބަސްވުމާއި ޚިލާފަށްކަމަށް ތުޅާދޫ ކައުންސިލްގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

“މިފްކޯއިން އައިސްޕްލާންޓް ބިން ފެނަކައަށް ބަދަލުކުރުމާއި ގުޅިގެން އެ ބިމުގެ ކުލި ކަނޑައެޅުމާއިމެދު ގޮތެއް ނިންމުމަށް” ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 118 ވަނަ ޢާއްމު ޖަލްސާއަށް ކައުންސިލް އިދާރާއިން އެޖެންޑާ ކޮށްފައިވާ މައްސަލައިގެ ބަހުސްގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ ތުޅާދޫގައި އައިސްޕްލާންޓް ހިންގި ބިމާއި އިމާރާތް މިފްކޯއިން، ފެނަކައާއި ހަވާލުކޮށްފައި ވަނީ އެއްބަސްވުމާއި ޚިލާފަށްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގެ ބަހުސްގެ މަރުހަލާގައި ކައުންސިލް މެމްބަރު އަޙްމަދު ޢާދިލް ވަނީ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

މި އެއްބަސްވުމުގެ 08 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ “މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފި ފަރާތުން ބިން ދޫކޮށްލަން ބޭނުންވެއްޖެނަމަ، 02 (ދޭއް) މަސްދުވަހުގެ ކުރިން އެކަން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން އަންގަން ވާނެއެވެ. މިގޮތަށް ދޫކޮށްލާއިރު ކުރިއަށް ކުލި ދައްކާފައި އޮތްކަމުގައިވިޔަސް ބާކީ ދުވަސްތަކުގެ ކުލި ކުއްޔަށް ހިފި ފަރާތަށް އަނބުރާ ދައްކަން ނުޖެހޭނެއެވެ.” މިފަދައިންނެވެ.

އަދި މި އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ” މި އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ނުވަތަ ކުއްޔަށް ހިފާ ފަރާތުން ބޭނުންވެގެން ނުވަތަ މި އެއްބަސްވުމާއި ޚިލާފްވެގެން ކުއްޔަށް ހިފި ފަރާތުން ބިން ވަކިކުރެވޭނަމަ، ބިމުގައި ދާއިމީ ގޮތަކަށް ކުރެވިފައިވާ ބިނާތައް އެއިރަކު ހުރި ގޮތެއްގެ މަތިން އިތުރު ގެއްލުމެއް ވިޔަނުދީ ތުޅާދޫ ކައުންސިލާއި ޙަވާލުކުރަންވާނެއެވެ. އެތަކެއްޗަށް ސަރުކާރުން ނުވަތަ ކައުންސިލުން އަގު ނުވަތަ ބަދަލެއް ދިނުމެއް ނޯންނާއެވެ. އެއްތަނުން އަނެއްތަނަށް ގެންދެވޭ ކުއްޔަށް ހިފި ފަރާތުގެ އަމިއްލަ ތަކެތި އެފަރާތުން ގެންދެވިދާނެއެވެ.” މިފަދައިންނެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ” ބިން ހަވާލުވި ފަރާތުން އެހެން ފަރާތަކާއި ބިން ޙަވާލުކޮށްގެން، އެފަރާތުން ޒިންމާވާގޮތަށް ބިމުގައި މަސައްކަތް ކުރަންވާނީ އެކަން ތުޅާދޫ ކައުންސިލުގެ އިދާރާއަށް ލިޔެ، ލިޔުމުން ހުއްދަ ލިބިގެންނެވެ. މިއާ ޚިލާފަށް ބިން ބޭނުންކުރާނަމަ ބިން ވަކި ކުރުމުގެ އިޙްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި އައިސް ޕްލާންޓް ޤާއިމްކުރުން ފިޔަވައި އެހެން ބޭނުމަކަށް މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެހެން ފަރާތަކަށް ބިން ޙަވާލު ނުކުރެވޭނެއެވެ.” މިފަދައިންނެވެ.

މި ޖަލްސާގައި ކައުންސިލަރުންގެ ފަރާތުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބް ދެއްވަމުން ކައުންސިލް ރަޢީސް އިބްރާޙީމް އާދިލް ވިދާޅުވީ ބިން ހަވާލުވި ފަރާތުން އެހެން ފަރާތަކާއި ބިން ޙަވާލުކޮށްގެން، އެފަރާތުން ޒިންމާވާގޮތަށް ބިމުގައި މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ބުނެ ތުޅާދޫ ކައުންސިލްގެ އިދާރާއަށް މިފްކޯއިން ލިޔެ ލިޔުމުން ހުއްދަ ހޯދައިފައި ނުވާކަމަށެވެ.

ތުޅާދޫ ކައުންސިލް އިދާރާއާއި މިފްކޯއާއި ދެމެދު އައިސްޕްލާންޓް ހިންގުމާއި ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ބައެއް މާއްދާތަކުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭތީ، ތުޅާދޫ ކައުންސިލުގެ 04 ވަނަ ދައުރުގެ 113 ވަނަ ޢާއްމު ޖަލްސާއަށް ކައުންސިލަރ އިސްމާޢީލް ދާޢޫދު ހުށަހެޅުއްވި މައްސަލައިގައި ކައުންސިލް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ އެ މައްސަލަ އަތޮޅު ކައުންސިލަށާއި އަތޮޅު ލީގަލްއަށް ލަފަޔަކަށް ފޮނުވުމަށްފަހު، ލަފާލިބުމުން ލަފަޔާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ފެންނަ ކަމަށެވެ. އިއްޔެ ބޭއްވި ކައުންސިލް ޢާއްމު ޖަލްސާގައި ކައުންސިލަރުންގެ ސުވާލުތަކަށް ޖަވާބް ދެއްވަމުން ސެކެޓަރީ ޖެނެރަލް (އެސް.ޖީ) އާއިޝަތު ރަޝީދާ ވިދާޅުވީ ކައުންސިލްގެ އެ ނިންމުމާއް އެއްގޮތަށް ލަފާހޯދުމަށް ފޮނުވާފައި ވީނަމަވެސް އަދާހަމައަށް އެއްވެސް ޖަވާބެއް އައިސްފައި ނުވާކަމަށެވެ.

ކައުންސިލްގެ 118 ވަނަ ޢާއްމު ޖަލްސާގައި ބައިވެރިވެފައި ވަނީ 07 ކައުންސިލަރުންގެ ތެރެއިން 06 ކައުންސިލަރުންނެވެ.

ކައުންސިލް މެމްބަރު އަހްމަދު ޢާދިލް ހުށަހެޅުއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން އެހުށަހެޅުމަށް ތާޢީދުކޮށް ވޯޓް ދެއްވާފައި ވަނީ ކައުންސިލް މެމްބަރު އިސްމާޢީލް ދާޢޫދު، ކައުންސިލް މެމްބަރު އަޙްމަދު ޢާދިލް، ކައުންސިލް މެމްބަރު ޝުނާނާ އިދުރީސްގެ އިތުރުން ކައުންސިލް މެމްބަރު ސާމަތު އަބްދުއްސައްތާރު އެވެ.

މި މައްސަލައިގައި ކައުންސިލް މެމްބަރު ރިޝާދާ މުޙައްމަދު ވަކިކޮޅަކަށް ވޯޓް ދެއްވާފައި ނުވާއިރު ކައުންސިލް ރައީސް އިބްރާޙީމް ޢާދިލް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މީގެ އިތުރުން ކައުންސިލްގެ ނައިބް ރަޢީސް މުޙައްމަދު އަލިމަނިކު ސަލާމްގައި ހުރުމުގެ ސަބަބުން މި ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.

ބ.ތުޅާދު ކައުންސިލްގެ ޢާއްމު ބައްދަލުވުމަކަށް މި މައްސަލަ ކައުންސިލުން އެޖެންޑާ ކޮށްފައި ވަނީ މިފްކޯގެ ފަރާތުން ކުލި ބޮޑުކޮށް އެގްރީމެންޓް އައުކުރުމަށް އެދި ތުޅާދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާތީ ކަމަށް ތުޅާދޫ އޮންލައިން އަށް މަޢުލޫމާތު ލިބިފައި ވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.