އެންމެ ރަނގަޅު ގޮތަކީ ބ.ތުޅާދޫގައި އިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމުތައް ބާޠިލުކޮށް އަލުން އިޢުލާން ކުރުން ކަމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ތުޅާދޫ ކައުންސިލަށް އަންގައިފިއެވެ.
ބ.ތުޅާދޫގައި އިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް އުޞޫލެއް އެކުލަވާލައި ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމަށް އިޢުލާން ކުރުމަށްފަހު، ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވުގެ ކުރިންވެސް ތުޅާދޫ ކައުންސިލުން ވަނީ އެކުލަވާލި އުޞޫލަށް ބަދަލުތަކެއް ގެނެސްފައެވެ.
މީގެ އިތުރުން، ފޯމުތައް ހުށަހެޅުމުގެ މުއްދަތު ހަމަވުމަށް ފަހުވެސް، ތުޅާދޫ ކައުންސިލުން ދަނީ ތަކުރާރުކޮށް އުޞޫލުތަކަށް ބަދަލު ގެނެސްދިނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގައި އެދެމުންނެވެ.
މިނިސްޓްރީން ތުޅާދޫ ކައުންސިލަށް ފޮނުވާފައި ސިޓީގައި ބ.ތުޅާދޫގައި އިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށްޓަކައި އުޞޫލު އިޢުލާންކޮށް ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ހައުސިންގ ޔުނިޓް ދޫކުރުމަށްޓަކައި އިޢުލާން ކޮށްފައިވާ އުޞޫލަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި މިނިސްޓްރީއަށް ނުފެންނަ ކަމަށްވެސް ބަޔާން ކޮށްފައި ވެއެވެ.
މިނިސްޓްރީން އެގޮތަށް ދެކޭ ސަބަބެއްކަމުގައި ބަޔާން ކޮށްފައި ވަނީ އިޢުލާންގެ މުއްދަތުހަމަވެ އިވެލުއޭޝަން މަރުޙަލާގައި އުޞޫލަށް ބަދަލު ގެނެސްފިނަމަ ފޯމް ހުށަނައަޅާ ފަރާތްތަކުން ޝަކުވާކުރުމުގެ ފުރުޞަތު ހުޅުވިގެން ދާނެތީއެވެ.
އުޞޫލަށް ބަދަލު ގެންނަނަމަ އެންމެ ރަނގަޅުގޮތަކީ ކުރިން ކޮށްފައިވާ އިޢުލާނާއި، އެ އިޢުލާނާއި ގުޅިގެން ލިބިފައިވާ ފޯމްތަށް ބާޠިލްކޮށް އަލުން އިޢުލާން ކުރުން ކަމުގައި މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ. ނަމަވެސް ހައުސިންގ ޔުނިޓްތައް މިހާރު ނިމުމަކާއި ގާތަށް ގޮސްފައިވުމާއެކު އެތަންތަން ނިންމައި، އެތަންތަން ލިބޭ ފަރާތްތަކާއި ހަވާލުނުކޮށް ގިނަ ދުވަސްތަކެއް ވެއްޖެނަމަ، އެކިކަހަލަ މައްސަލަތަށް ކުރިމަތިވެ މަރާމާތުގެ ގޮތުގައި ސަރުކާރަށް އިތުރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.



