މުދައްރިސުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން - ފޮޓޯ: ތުޅާދޫ ސްކޫލް ފޭސްބްކް

މުދައްރިސުންގެ އަގު ވަޒަންކުރާށެވެ.

މުދައްރިސުންގެ އަގު ވަޒަންކުރާށެވެ.

Share on twitter
Share on telegram

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 5 ވަނަ ދުވަސް މިފާހަގަކުރެވެމުންދަނީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. އެދުވަސް ފާހަގަކުރުމުގެ ގޮތުން ދަރިވަރުންނާއި ބެލެނިވެރިން މާމެލާމެލިން މުޅި މާހައުލު ޒީނަތްތެރިކުރަމުންދާކަމީ މިއަދު ފެންނަ އެންމެ ހިތްއުފާކުރުވަނިވި މަންޒަރުތަކެވެ. އަގުހުރި ހަދިޔާތައް މުދައްރިސުންނަށް ވެދުން ކުރަމުންދެއެވެ. ފޮނި ބަސްތަކުން ޅެންބައިތުތަކާއި ރައިވަރުތައް ހަދައިގެން މުދައްރިސުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދިނުމަށްޓަކައި މަސައްކަތްކުރެއެވެ. މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހާ ލޮބުވެތި މުދައްރިސުންނަށް އަރިސްކުރަމެވެ.

އެހެނަސް ސުވާލަކީ މުދައްރިސުން ބޭނުންވަނީ އެންމެ ދުވަހަކުން މިކަން ނިންމާލަން ބާވައެވެ. މިކަމާއިބެހޭގޮތުން ބައެއް މުދައްރިސުންނާއި އަޅުގަނޑު ވާހަކަ ދައްކާހަދާލީމެވެ. އަދި ބައެއް މުދައްރިސުންގެ ސޯސަލް މީޑިޔާތައްވެސް ކުޑަކޮށް ބަލާލާ ހަދާލީމެވެ. އެކަންކަމުން އަޅުގަނޑަށް ފާހަގަވެގެންދިޔައީ މުދައްރިސުން ބޭނުންވަނީ މިކަން އެއްދުވަހުން ނިންމާލާކަށް ނޫނެވެ.

މުދައްރިސުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން – ފޮޓޯ: ތުޅާދޫ ސްކޫލް ފޭސްބްކް

އިރުއަރައިގެން އަންނަ ކޮންމެ ދުވަހަކީވެސް މުދައްރިސުންގެ އަގުވަޒަންކޮށް މުދައްރިސުންނަށް މިއަދު ތިޔަ ދެއްވާފަދަ ހިތްވަރު ދެއްވާ ދުވަހަކަށް ކޮންމެ ދުވަހެއްވެސް ވުމެވެ. ތިޔަ ކުރަމުންދާފަދަ ހެޔޮދުޢާތައް ހުއްޓުމެއްނެތި އަބަދުވެސް ކުރަމުން ދިޔުމަށެވެ. އަސްލު ޙަޤީޤަތުގައިވެސް މުދައްރިސުން ދަރިވަރުންނަށްޓަކައި ކޮށްދެއްވަމުން އެދާ މަސައްކަތްތަކަކީ އަގު ދީގެން އަދާކުރަން އުޅުނަސް އަދާވާނެ ކަމެއް ނޫނެވެ. އެހާވެސް މަތިވެރި، ބުރަ މަސައްކަތެކެވެ. އެހެން ގޮތަކުން ބުނަނީނަމަ ކުއްޖާގެ މުސްތަޤްބަލް ބައްޓަން ކޮށްލަ ދޭ ބަޔަކީ ހަމަ އެއީއެވެ. ދަރިވަރު ތިމަންނަ ކުރިއަށްދާން ބޭނުންވަނީ މިވެނި އެވެނި ދާއިރާއަކުންނޭ ބުނުމުން މުދައްރިސުންގެ ލޭ ކައްކުވާލައިފައި އެކޮށްދެއްވާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއަކަށްވަނީ އެދަރިވަރު ބޭނުންވި ދާއިރާއަކުން ދަރިވަރު މުޖުތަމަޢުއަށް ނެރެދިނުމެވެ.

ނަމަވެސް ހިތާމައަކީ މިފަދަ ކަންކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ބަލައި ނުގަންނަކަމެވެ. ހިތަށް އައިހާ އެއްޗެއް މުދައްރިސުންނާއި ދިމާލަށް ގޮވަމުންދާކަމީ މިއަދު އެތައް މުދައްރިސުންނެއްގެ ލޮލުން ކަރުނަ އޮހޮރުވާލައި ކަމެކެވެ. ޚުދު ދަރިވަރުންނަށް ލައިދީގެންވެސް ގިނަ ފަރާތްތަކަކުންދަނީ މުދައްރިސުންގެ ހިތުގައި ޖައްސަމުންނެވެ.

މުދައްރިސުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން – ފޮޓޯ: ތުޅާދޫ ސްކޫލް ފޭސްބްކް

އަޅުގަނޑު އެފަދަ ފަރާތްތަކަށާއި އެންމެހާ ދަރިވަރުންނަށް ދޭން ބޭނުންވާ ނަޞޭޙަތަކީ މުދައްރިސުންނަކީ ތިޔަ ކުދިންނަށް ލިބިފައިވާ ރަން މުތެކެވެ. މުދައްރިސުންގެ ބަސްއަހާށެވެ. އެއީ ތިޔަކުދިންގެ ދެވަނަ މަންމަ ނުވަތަ ބައްޕައެވެ. އެއީ ތިޔަކުދިންނަށްޓަކައި އެމީހުންގެ އުފާވެރި ވަގުތުތަކާއި އެތައް މަސައްކަތެއް ޤުރުބާންކުރުމަށްފަހު ވަގުތު ހޭދަކުރަމުންދާ ބައެކެވެ. އެމީހުންގެ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރާށެވެ. އެމީހުންނަށް އޯގާތެރިވާށެވެ.

ﷲ ތަޢާލާ އެންމެހާ މުދައްރިސުން އެކުރާ ބުރަ މަސައްކަތުގައި ބަރަކާތްލައްވާ ހެޔޮ ރަޙްމަތް ލައްވާށި. އާމީން.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published.