މިއަހަރުގެ ފަހުކޮޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ދެއްވަވައި، ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެނގެން ނެތް ކަމަށާއި، އެފަދަ މީހުންނަށް ބޭނުންވާ ފަރުވާ އާއި ތެރަޕީ ފޯރުކޮށްދިނުމަށްޓަކައި ދަފްތަރެއް އޮތުން މުހިންމު ކަމަށެވެ.
އަދި މިއަހަރުގެ ފަހުކޮޅު އެ ދަފްތަރު އެކުލަވައިލާ، ނުުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ގައުމިއްޔަތުގެ މައިވަންތަ އުނގުގައި ކޮންމެ ދިވެއްސަކީވެސް، ކުޅެދޭ، ހަމަހަމަ ދިވެހި ރައްޔިތެއް. އިއްޒަތްތެރި ރައީސް، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރު ދެމި އޮންނާނެ. ގްލޯބަލް ޖެންޑަރ ގެޕްގެ ސިއްހީ، އަދި ތައުލީމީ ދާއިރާއިން ރާޢްޖޭގައި މިންތީގެ ފަރަގު ބޮޑުތަނުން ކުޑަ ކުރެވިފައިވީނަމަވެސް، ސިޔާސީ އަދި އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭ.” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ރައްކާތެރިކަމާއި، ދެވޭ ހިދުމަތް ހަރުދަނާކޮށް، އާއިލީ ވެށީގެ ބައްޓަން އެކުދިންނާ ކައިރިކޮށްދިނުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއްވެސް އަލުން މިދަނީ މުރާޖައާކޮށް ހަރުދަނާ ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
“ތިބޭތަނާ، އެ މާހައުލާ، ހިނގާފާނެ ކަމެއްގެ މައްޗަށް ތިން ވަނަ ލޮލެއް ބޭނުންވޭ. ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި، ކުޑަކުދިންގެ ފިޔަވަތިން އަތޮޅުތަކަށް ބަދަލު ކުރެވުނު ކުދިންނަށް އިޖްތިމާއީ، އާއިލީ ވެއްޓެއް ހޯދައިިދިނުމުގެ ފިޔަވަޅުތަކެއް ސަރުކާރުން މިދަނީ އަޅަމުން.” ރައީސް ވިދާޅުވިއެވެ.



