ރ. އިނގުރައިދޫގައި ހުރި މީހަކު ކަރަންޓީންވާން ނުޖެހޭގޮތަށް، ބ.ތުޅާދޫއަށް ގެނައުމަށް ފޯޖު ޑޮކިއުމަންޓެއް ތައްޔާރުކޮށް އެޗްޕީއޭ އަށް ހުށަހެޅި މައްސަލަ ދިވެހި ފުލުހުންނަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މިއަދު 11:00 ހާއިރު ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައި ކުރިޔަށްދިޔަ ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ ކުއްލި ޖަލްސާއަށް ހުށަހެޅި މިމައްސަލަ ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ފެންމަތިވުމާއެކު ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާޙީމް އާދިލް ވަނީ ކައުންސިލްގެ ނަމުގައި ފޯޖް ޑޮކިއުމަންޓެއް ތައްޔާރުކޮށް ފައިވާ މައްސަލަ ބަލައި އެކަން ކޮށްފައިވާ ފަރާތްތައް ހޯދައި އެފަރާތްތަކާއިމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކައުންސިލް މެމްބަރުންގެ ސަމާލުކަމަށް އެކަން ގެނެސް އިންޓާނަލް ތަޙުޤީގެއް ކުރިޔަށް ގެންދިއުމަށް ކައުންސިލް ރައީސް ވަނީ ކައުންސިލް މެމްބަރުންގެ ކިބައިން އެދިލައްވާފައެވެ.
އެޗްޕީއޭ އަށް ފޯޖް ޑޮކިއުމަންޓް ފޮނުވި މައްސަލަ ތުޅާދޫ ކައުންސިލްގެ އިދާރާއިން އެކުލަވާލި ކޮމިޓީއަކުން އެ މައްސަލަ ބަލަން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނެވެ. މި މައްސަލަ ބެލުމަށް އެވަގުތު އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައި ގަންނަވަނީ ކައުންސިލަރ އިސްމާޢީލް ދާޢޫދު، ކައުންސިލަރ ރިޝާދާ މުޙައްމަދާއި ކައުންސިލް އެގްޒެކެޓިވް އަބްދުލް މަޖީދު ހުސައިންގެ އިތުރުން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ހުސައިން އިދުރީސް އެވެ.
ތުޅާދޫ ކައުންސިލުން ފުރަތަމަ އެކުލަވާލި ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ މައްސަލަ ފުލުހުންނަށް ފޮނުވުމާއި މެދު ގޮތެއް ނިންމުމަށް އެދުވަހުގެ ހަވީރު ބޭއްވި ތުޅާދޫ ކައުންސިލްގެ 4 ދައުރުގެ 1 ވަނަ ކުއްލި ޖަލްސާ އަށް ހުށަހެޅުނު ނަމަވެސް ފުލުހުންނަށް އެމައްސަލަ ފޮނުވުމަށް އެ ޖަލްސާއިން ފާހެއް ނުވިއެވެ.
އެ މައްސަލައަށް ބަހުސް ކުރުމަށް މެމްބަރުންނަށް ފުރުޞަތު ހުޅުވާލުމުން، ކައުންސިލް މެމްބަރު އަޙުމަދު އާދިލް ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. ކައުންސިލުން ފުރަތަމަ އެކުލަވާލި ކޮމިޓީއަށް މައްސަލައާއި ގުޅިގެން ކުރިއެރުމެއް ހޯދިފައި ނުވާކަމަށް ބުނެ، ކައުންސިލަރ އާދިލް ވަނީ އެމައްސަލަ ފުލުހުންނަށް ފޮނުވުން މަޑުޖައްސާލައި އައުކޮމިޓީއެއް އެކުލަވާލައި މައްސަލަ ބެލުން ކުރިޔަށް ގެންދިއުމަށް ހުށަހަޅާފައެވެ. ކައުންސިލަރުންގެ ތެރެއިން އިސްމާޢީލް ދާއޫދާއި، ކައުންސިލަރ ރިޝާދާ މުޙައްމަދާއި ކައުންސިލަރ ސުނާނާ އިދުރީސް އާއި ކައުންސިލަރ އަޙުމަދު އާދިލްގެ އިތުރުން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ހުސައިން އިދުރީސް ހިމަނާ ހުށަހެޅި ހުށަހެޅުމަށް ތާއީދު ކޮށްފައި ވަނީ ކައުންސިލް މެމްބަރު މުޙައްމަދު އަލިމަނިކެވެ.
ކުއްލި ބައްދަލުވުން ފެށުމަށްފަހު ރައީސްގެ މަސްލަހަތު ހިމެނޭކަމަކަށް ވުމުން ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއްގެ ގޮތުގައި ކައުންސިލަރ އިސްމާޢީލް ދާޢޫދު ކަނޑައެޅުމަށް ފަހު ރައީސް ވަނީ ޖަލްސާ އިން ވަކިވެ ވަޑައިގެންފައެވެ.
ކައުންސިލަރ އާދިލް ހުށަހެޅުއްވި ގޮތަށް އަލުން ކޮމިޓީ އެކުލަވާލައި މައްސަލަ ފުލުހުންގެ އިދާރާއަށް ނުފޮނުވާ އަލުން މައްސަލަ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ހުށަހެޅުމުން އެވަގުތު ޖަލްސާގައި ބައިވެރިވެ ތިއްބެވި 6 މެމްބަރުންގެ ތެރެއިން ކައުންސިލާރ ސާމަތު ޢަބްދުއް ސައްތަރު ފިޔވައި އެހެން ހުރިހާ މެމްބަރުން ވަނީ އެ ހުށަހެޅުން ފާސް ކުރުމަށް ވޯޓް ދެއްވާފައެވެ.
ކައުންސިލްގެ ފުރަތަމަ ކުއްލި ބައްދަލުވުން ފާސްކޮށްފައިވާ ގޮތަށް ކޮމިޓީ އެކުލަވާލައި އިރުއޮއްސުނު ވަގުތު ވަނީ ކޮމިޓީގެ މަސައްކަތްތައް ފަށާފައެވެ. 15 ވަނަ ދުވަހުގެ ރެއާއި 16 ވަނަ ދުވަހު ކޮމިޓީއަށް އެކި އެކި ފަރާތްތައް ޙާޞިރުކޮށް ސުވާލު ކުރުމަށްފަހު ކޮމިޓީގެ މަސައްކަތްތައް ނިންމައި އެ މައްސަލަ ފުލުހުންނަށް ފޮނުވުމާއި މެދު ގޮތެއް ނިންމުމަށް 17 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ތުޅާދޫ ކައުންސިލްގެ 4 ދައުރުގެ 2 ވަނަ ކުއްލި ޖަލްސާއަށް އެޖެންޑާކޮށް ކައުންސިލްގެ ރައީސް ހިމެނޭހެން 7 މެމްބަރުންގެ އިއްތިފާގުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.



