ބ.ތުޅާދޫ ސިއްޙީމަރުކަޒުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޕޮޒިޓިވްވެފައި ވަނީ ބ.ތުޅާދޫ، ހޭޒްލީންގެއިން، ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ނަގާފައިވާ ސާމްޕަލެކެވެ. އަދި މިރޭ ޕޮޒިޓިވްވި ފަރާތަކީ ނިމިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޗުއްޓީގައި ހުރި ފަރާތެކެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން އާއްމުކޮށްފައިވާ ތަފާސް ހިސާބް ދައްކާ ގޮތުން މިއަދު ތުޅާދޫން ޖުމްލަ 30 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. މިއަދު ނަގާފައިވާ ހުރިހާ ސާމްޕަލަކީވެސް ރެންޑަމް ސާމްޕަލެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 1072 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 952 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 48 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.
ތުޅާދޫން މިބައްޔަށް ޖުމްލަ 72 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 59 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 13 އެވެ.



