ކޮވިޑް-19 އާއި ގުޅިގެން ބ.ތުޅާދޫގައި އެކުލަވާލާފައިވާ ކޮވިޑް ޓާސްކްފޯސްއަށް ގޮންޖަހައި “ކަރަންޓީންވާން ނުޖެހޭގޮތަށް” ތުޅާދޫ ކައުންސިލް ރައީސްގެ ޚާއްޞަ ހުއްދައިގެ ދަށުން ތުޅާދޫއަށް މީހަކު އަރުވައިފިއެވެ.
ކަރަންޓީންވާން ނުޖެހޭ ގޮތަށް ތުޅާދޫއަށް މީހަކު އަރުވާފައި ވަނީ މިރޭ 12:00 ހާއިރުއެވެ. ރ.އިނގުރައިދޫއިން ތުޅާދޫއަށްއައި މީހާ ތުޅާދޫއަށް އެރިވަގުތު ބަނދަރު ސަރަޙައްދުގައި ޓާސްކްފޯސްގެ ވައިސް ޗެއަރަ އަދި ތުޅާދޫ ކައުންސިލަރ އިސްމާޢީލް ދާއޫދާއި ކައުންސިލަރ އަޙްމަދު އާދިލް އާއި ތުޅާދޫ ޕޮލިސް ސްޓޭޝަންގެ އިންޗާރޖްގެ އިތުރުން ޓާސްކްފޯސްގެ ބައެއް މެމްބަރުން ތިއްބެވެ. ނަމަވެސް ކައުންސިލް ރައީސްގެ ޚާއްޞަ ހުއްދައިގެ ދަށުން އައި މީހާ ތުޅާދޫއަށް އެރުމަށް އެ ސަރަޙައްދުގައި ތިބި އެއްވެސް ފަރާތަކުން މަނާކޮށް ހުރަސް އަޅާފައެއް ނުވެއެވެ.
ކަރަންޓީންވާން ނުޖެހޭ ގޮތަށް އެ މީހާ ތުޅާދޫއަށް ދަތުރު ކުރުމަށް އެޗްޕީއޭއިން ހުއްދަ ދިނުމަށް އެދި ތުޅާދޫ ކައުންސިލްގެ ރައީސް ސޮއިކޮށް އެޗްޕީއޭއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އަދި ރައީސްގެ އެ ސިޓީގެ މައްޗަށް ބިނާކޮށް އެޗްޕީއޭ އިން ވަނީ ކަރަންޓީންވާން ނުޖެހޭގޮތަށް ތުޅާދޫއަށް އެރުމަށް އޭނާއަށް ހުއްދަ ދީފައެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީން ނުވާގޮތަށް ތުޅާދޫއަށް ދަތުރުކުރުމަށް މީހަކަށް ހުއްދަ ދީފައިވާ ކަމުގެ މަޢުލޫމާތު ކޮވިޑް-19 ޓާސްކްފޯސްއަށް ލިބުމާއި ގުޅިގެން މިރޭ 08:00 ހާއިރު ވަނީ ޓާސްކްފޯސްގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. ދެ ގަޑިއަރަށް ދިގު ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ޓާސްކްފޯސްގެ އެންމެހާ މެމްބަރުން ވަނީ ކަރަންޓީން ނުވާގޮތަށް ތުޅާދޫއަށް އޭނާ އެރުމާ ދެކޮޅު ހަދާފައެވެ.
މިރޭ ތުޅާދޫއަށް އައިސްފާވާ ފަރާތަކީ ފައިބަރު މަސައްކަތް ކުރާ ފަރާތެއް ކަމަށް ތުޅާދޫ އޮންލައިނަށް ވަނީ މަޢުލޫމާތު ލިބިފައެވެ.



