ކައުންސިލަރ އަޙްމަދު އާދިލް (ގަހާ)

ނައިބްރައީސް އިންތިޙާބް ކުރުމަށް ކުރި އެޖެންޑާ ނުލިބޭ – ކައުންސިލަރ އާދިލް

ނައިބްރައީސް އިންތިޙާބް ކުރުމަށް ކުރި އެޖެންޑާ ނުލިބޭ – ކައުންސިލަރ އާދިލް

Share on twitter
Share on telegram

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ތުޅާދޫ ކައުންސިލްގެ 4 ވަނަ ދަޢުރުގެ 10 ވަނަ އާއްމު ޖަލްސާ އަށް ބ.ތުޅާދޫ ކައުންސިލްގެ ނައިބްރައީސް އިންތިޙާބް ކުރުން އެޖެންޑާ ކޮށްފައި ވީނަމަވެސް އެ ޖަލްސާގެ އެޖެންޑާ ލިބިވަޑައިގަންފައި ނުވާކަމަށް ކައުންސިލަރ އަޙުމަދު އާދިލް ވިދާޅުވެއްޖެއެވެ.

ކައުންސިލަރ އަޙްމަދު އާދިލް އަކީ ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ނައިބްރައީސްއަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތި ލުމަށް ނިންމާފައިވާ ކައުންސިލަރެވެ. އަދި ކައުންސިލްއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައި އިންތިޚާބް ވެފައިވާ ކައުންސިލަރުން، ތުޅާދޫ ކައުންސިލްގެ ނައިބްރައީސް އަކަށް ކައުންސިލަރ އަޙްމަދު އާދިލް އަށް ވޯޓް ދިނުމަށް ކަނޑައަޅައި އެމްޑީޕީގެ ފަރާތުން ވަނީ ވިޕްލައިން ނެރެފައެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކައުންސިލަރ އަޙްމަދު އާދިލް ވިދާޅުވީ، ޤާނޫނު ނަންބަރު 5/2020ގެ ދަށުން ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލްގެ 19 ވަނަ މާއްދާގެ (ށ) ގައި ކައުންސިލް ޢާއްމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި ގަޑި އަދި އެޖެންޑާ، އެ ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 02 ދުވަސް (48 ގަޑިއިރު) ކުރިން، ކައުންސިލްގެ ރައީސް ލިޔުމުން ކައުންސިލްގެ މެމްބަރުންނަށް ފޮނުވަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި އެ މާއްދާގައި ބުނާ އެޖެންޑާ، ޗުއްޓީގައި ތިބި ކައުންސިލަރުން ހިމެނޭހެން، ހުރިހާ ކައުންސިލަރުންނަށް ފޮނުވުނުކަން ސެކްރެޓަރީ ޖެނެރަލް ކަށަވަރު ކުރަންވާނެ ކަމަށެވެ.

ކައުންސިލަރ އާދިލް އިތުރަށް ވިދާޅުވީ، ކަންކަން ކުރިޔަށް ގެންދަން ޖެހޭ ގޮތްތައް ލިޔެވި ތަރުތީބް ކުރެވިފައި ވީނަމަވެސް، ކައުންސިލްގެ 4 ވަނަ ދަޢުރުގެ 10 ވަނަ އާއްމު ޖަލްސާ ބޭއްވުމަށް 13 ގަޑިއިރަށް ވަގުތު ކުޑަތަން ވެފައި ވާއިރު، އަދި މިވަގުތާއި ހަމަޔަށްވެސް އެ ޖަލްސާގެ އެޖެންޑާ ލިބިފައި ނުވާކަމަށެވެ.

ކައުންސިލްގެ ނައިބްރައީސް އިންތިޙާބް ކުރުން ފުރަތަމަ ފަހަރަށް އެޖެންޑާ ކޮށްފައި ވަނީ މި މަހުގެ 06 ވީ އާދިއްތަ ދުވަހު ކުރިޔަށް ގެންދިޔަ ކައުންސިލްގެ 4 ވަނަ ދަޢުރުގެ 08 ވަނަ އާއްމު ޖަލްސާއަށެވެ. ނަމަވެސް އެދުވަހުގެ ޖަލްސާއަށް ކައުންސިލްގެ ރައީސް އިބްރާޙީމް އާދިލް އާއި ކައުންސިލް މެމްބަރު ރިޝާދާ މުޙައްމަދު ފިޒިކަލީ ހާޒިރު ނުވާތީ އެޖަލްސާގެ އެޖެންޑާ ފާސްކުރިއިރު، ކައުންސިލް ނައިބްރައީސް އިންތިޙާބް ކުރުން ވަނީ އެޖެންޑާއިން އުނިކޮށްފައެވެ.

ތުޅާދޫ ކައުންސިލްގެ ނައިބްރައީސްގެ މަޤާމަށް މިހާތަނަށް 3 ފަރާތަކުން ޝައުގުވެރިކަން ވަނީ ފާޅު ކޮށްފައެވެ. ނައިބްރައީސްގެ މަޤާމަށް ޝައުގުވެރިކަން ފާޅު ކޮށްފައި ވަނީ ކައުންސިލަރ އަޙްމަދު ޢާދިލް އާއި ކައުންސިލަރ ސުނާނާ އިދުރީސް ގެ އިތުރުން ކައުންސިލަރ މުޙައްމަދު ޢަލިމަނިކުއެވެ.

ކައުންސިލް މެމްބަރު އާދިލް އަކީ އެމްޑީޕީ ޓިކެޓްގައި ކައުންސިލަށް ވާދަކޮށް އިންތިޙާބް ކާމިޔާބްކޮށް ފައިވާ މެމްބަރެކެވެ. އަދި އެމްޑީޕީގެ މައި އިދާރާއިން އަންގާފައިވާ ގޮތަށް ކައުންސިލް ނައިބްރައީސް އަކަށް އެމްޑީޕީގެ ފަރާތުން މެމްބަރަކު ނެރުމަށް ނެގި ވޯޓް ކާމިޔާބް ކޮށްފައި ވަނީ ކައުންސިލަރ އާދިލް އެވެ. މީގެ އިތުރުން ތުޅާދޫ ކައުންސިލްގެ ނައިބްރައީސް އަކަށް އަޙްމަދު އާދިލް ހޮވުމަށް އެމްޑީޕީން ވަނީ ވިޕްލައިން ނެރެފައެވެ.

ކައުންސިލަރ ސުނާނާއަކީ އަމިއްލަ ގޮތުން ކައުންސިލަށް ވާދަކޮށް އިންތިޙާބް ކާމިޔާބް ކޮށްފައިވާ ފަރާތެކެވެ.

ކައުންސިލަރ މުޙައްމަދު އަލިމަނިކު، އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ކައުންސިލަށް ވާދަކޮށް ހޮވިފައި ވީނަމަވެސް ނައިބް ރައީސްކަމަށް ވާދަ ކުރުމަށް ނިންމާފައި ވަނީ އެމްޑީޕީން ނެރެފައިވާ ވިޕްލައިނާ ޚިލާފަށެވެ.

ތުޅާދޫ ކައުންސިލަށް އަލަށް އިންތިޙާބް ކުރި މެމްބަރުން ހުވާކޮށް މަޤާމުގެ މަޝްޢޫލިއްޔަތާއި ހަވާލުވި ނަމަވެސް ކައުންސިލްގެ ނައިބްރައީސަކު އިންތިޙާބް ކޮށްފައި ނުވަނީ އަދި މިހާތަނަށް ހުރިހާ ކައުންސިލަރުން  ބައިވެރިވެ ބައްދަލުވުމެއް ބޭއްވިފައި ނުވާތީއެވެ.

ކައުންސިލްތަކުގެ ނައިބްރައީސް އިންތިޙާބް ކުރާނީ، އެ ކައުންސސިލެއްގައި ހިމެނޭ ހުރިހާ މެމްބަރުން ފިޒިކަލީ ހާޒިރުވާ އާއްމު ޖަލްސާއެއްގައި މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ނައިބްރައީސް އިންތިޙާބް ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލް ރައީސެވެ.

ނައިބްރައީސް އިންތިޙާބް ކުރަން ނަގާ ވޯޓުގައި ކައުންސިލްގެ ރައީސް ވޯޓް ދޭ ގޮތަށް ހަމަޖައްސާފައިވާއިރު ވޯޓް ނެގުމާއި ވޯޓް ގުނުމުގެ އިދާރީ ކަންތައްތައް ބަލަހައްޓާނީ ކައުންސިލްގެ ވަގުތީ ސެކެޓްރީ ޖެނެރަލެވެ.

ކައުންސިލްތަކުގެ ނައިބްރައީސް އިންތިޙާބް ކުރުމުގެ އެންމެހާ މަސައްކަތުގައި އެހީތެރިވުމަށް 3 މުވައްޒަފުންގެ ވަގުތީ ކޮމިޓީއެއް ވަގުތީ ސެކްރެޓަރީ ޖެނެރަލް އެކުލަވާލާއިރު އެ ކޮމިޓީގައި ހިމެނޭނީ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ސިވިލް ސަރވިސްގެ 2 މުވައްޒަފުންނެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 06 ވަނަ އާއްމު ޖަލްސާއިން، އިދާރީ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޑިރެކްޓަރ ޢަބްދުލްމަޖީދު ޙުސައިން ހަމަ ޖެއްސުމަށް ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published.