ބ.ތުޅާދޫގެ ކުރީގެ ބޮޑު ކަތީބް އަދި ތުޅާދޫގެ ތަޢުލީމީ ދާއިރާއަށް އަގުހުރި އެތަށް ޚިދުމަތްތަކެއް ކޮށްދީފައިވާ ޚިދުމަތްތެރިޔާ ބ.ތުޅާދޫ، ޗާންދަނީގޭ ޔޫސުފް މޫސާ (80އ) ނިޔާވެއްޖެއެވެ.
ޔޫސުފް މޫސާ ނިޔާވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ރޭ ފަތިހުގެ ވަގުތެއްގައި ތުޅާދޫ ސިއްޙީމަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޔޫސުފް މޫސާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ތުޅާދޫގެ ބޮޑު ކަތީބުކަމާއި ތުޅާދޫ ސްކޫލުގެ މަސްއޫލުވެރިޔާ އަދި ނާޒިރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ބ. އަތޮޅުގެ ފުރަތަމަ ކައުންސިލަރުގެ މަގާމުވެސް އަދާ ކުރައްވާފައި ވަނީ ޔޫސުފް މޫސާއެވެ.
ޔޫސުފް މޫސާ އަކީ ތުޅާދޫގައި މިޒަމާނުގެ ތައުލީމީ އޮށް މުޑުވައްކުރައްވައި، އެއިން ހިތްގައިމު އެތައް ކުރިތަކެއް ފަޅުއްވައި، އާރޯ ކުރެއްވުމަށް ޒަމާންތަކެއް ވަންދެން މުރާލިކަމާއެކު ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވި ހިދުމަތްތެރިއެކެވެ. ރަށްފުށުގައި ތައުލީމަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ޒަމާނުގައި ތުޅާދޫގެ މަކްތަބު ނުވަތަ މަދަރުސާގެ ހުޅުކޮޅު ނިވުވަ ނުދިނުމަށް އެކި ސިފަސިފައިގައި ވަރަށް މަތިވެރި ގުރުބާނީތަކެއްވި ބޭފުޅެކެވެ.
އެގޮތުން މަދަރުސާ ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނެވި ބަދަލާ ގުޅިގެން، ތުޅާދޫ މަދަރުސާ ހިންގުން މެދުކެނޑެން ދިމާވި ދަނޑިވަޅުގައި ދެތިން އެކުވެރިންނާއެކު މާލެ ވަޑައިގެން، ސަނަދު ނަންގަވައިގެން އަލުން އާ ނަމެއްގައި މަދަރުސާގެ ހިދުމަތް ފެއްޓެވުމަށް އެންމެ އިސްދައުރެއް އަދާކުރެއްވީވެސް ޔޫސުފް މޫސާއެވެ.
މީގެ އިތުރުން ބިދޭސީ ޓީޗަރުން ރަށްފުށުން ނުދެކޭ ދުވަސްވަރެއްގައި، ބޭރުން ކުޅަދާނަ ޓީޗަރުން ހޯއްދަވައިގެން ސްކޫލުގެ ފެންވަރު މަތިކުރެއްވުމަށް ގާތްބޭފުޅުންނާއެކު ޔޫސުފް މޫސާ ކުރެއްވި މިންނަތް މަސައްކަތްޕުޅުގެ ހެޔޮ އަސަރު ފޯރި، ތުޅާދޫގެ އެތައް ކުދިންނެއް މިއަދު ވަނީ ތައުލީމީ ރޭހުގައި ވަރަށް މަތީ މަގާމުތައް ހާސިލުކޮށްފައެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ތިންވަނަ މަދަރުސާގެ ތާރީޚީ ދަރަޖަ ތުޅާދޫ ސްކޫލަށް ލިބިފައިވާއިރު އެ ހިސާބަށް އާދެވުމުގައި، ރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންނާއި ތައުލީމަށް ލޯބިކުރި ރައްޔިތުންގެ އާރުކާޓީއެއްގެ ގޮތުގައި ހުންނަވައިގެން ކުރެއްވި މިންނެތް މަސައްކަތާއި، އެންމެ ގިނަ ދުވަހު ތުޅާދޫ ސްކޫލުގެ މަސްއޫލުވެރިޔާ އަދި ނާޒިރުގެ މަތިވެރި ޒިންމާ އުފުއްލެވުމާއި އެކި މުނާސަބަތުތަކުގައި ސްކޫލުގައި ބާއްވަމުންދިޔަ ހަރަކާތްތަކުގެ ތެރެއިން ކުދިންގެ އަހުލާގަށް ހެޔޮ ރަނގަޅު އަސަރުފޯރުވި މިންވަރާއި މިފަދަ އެތައް ކަމަކުން ޔޫސުފް މޫސާގެ ތައުލީމީ ޚިދުމަތުގެ ލިސްޓް ކިތަންމެހާވެސް މަތިވެރި އެވެ.
އަޅުގަނޑުމެންނާއި ވަކިވެގެން އެދިޔައީ ތުޅާދޫ އަށާއި މުޅި ބ.އަތޮޅަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ. ތުޅާދޫގެ އަގުހުރި ޚިދުމަތްތެރިޔާ ޔޫސުފް މޫސާގެ ޚިދުމަތުގެ ޒިކުރާއަކީ ތުޅާދޫން ދުވަހަކުވެސް ފަނޑުވެގެން ދާނެ ޒިކުރާއެއް ނޫނެވެ.
އަލްމަރުޙޫމް ޔޫސުފް މޫސާގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް ތުޅާދޫ އޮންލައިންގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.



