ބ.ތުޅާދޫ ފެނަކަ ބްރާންޗަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ތެޔޮ ބޯޓްގެ މުވައްޒަފުންތަކެއް ޚާއްޞަ ހުއްދައެއް ނެތި ތުޅާދޫ އަށް އަރައި ތުޅާދޫގައި ހަރަކާތްތެރި ވަމުން އެބަ ދެއެވެ.
މިކަމުގެ މަޢުލޫމާތު ތުޅާދޫ އޮންލައިނަށް ލިބުމާއި ގުޅިގެން ތުޅާދޫ އޮންލައިންގެ ނޫސްވެރިން ފްލެޓްތައް ހިމެނޭ ސަރަޙައްދަށް ދިޔައިރު އެ ސަރަޙައްދުގައި ތެޔޮ ބޯޓްގެ 3 މުވައްޒަފަކާއި ތުޅާދޫ ރައްޔިތަކު ހަރަކާތްތެރި ވަމުން ދިޔަ މަންޒަރު ތުޅާދޫ އޮންލައިންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތެޔޮ ބޯޓްގެ މުވައްޒަފުން ތުޅާދޫ ތެރެއަށް ފައިބާ ހަރަކާތްތެރި ވާކަން ތުޅާދޫ ކައުންސިލްގެ ސަމާލު ކަމަށާއި ތުޅާދޫގައި އެކުލަވާލާފައިވާ ކޮވިޑް ޓާސްކް ފޯސްގެ ސަމާލުކަމަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައުމުން، އެ ފަރާތްތަކުން ވަނީ އެކަން ތުޅާދޫ ފެނަކަ ބްރާންޗްގެ ސަމާލުކަމަށްވެސް ހެނދުނުގެ ވަގުތެއްގައި ގެނެސްފައެވެ.
ނަމަވެސް ފެނަކަ ބްރާންޗްގެ ސަމާލުކަމަށް އެކަން ގެނެސްފައި ވަނިކޮށް މިއަދު މެންދުރު ފަހު 14:15 ހާއިރުވެސް ތެޔޮ ބޯޓްގެ މުވައްޒަފުން ތުޅާދޫއަށް އަރާ ތުޅާދޫ ތެރޭގައި ވަނީ ހަރަކާތްތެރި ވެފައެވެ.
މޮނިޓަރިންގ އަށް ތުޅާދޫ ލުމާއެކު ކައުންސިލުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް ބަނދަރު ސަރަޙައްދުގައި ރަށަށް އަރާ ފައިބާ މީހުން ބެލެހެއްޓުމަށްޓަކައި ޚާއްޞަ ޑެސްކެއް ޤާއިމްކޮށް 24 ގަޑިއިރު ޑިއުޓީ ކުރަން ފަށާފައެވެ.

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން ތުޅާދޫ އަކީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންގ އަށް ލާފައިވާ ރަށެކެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗް.ޕީ.އޭ އިން ހަދާފައިވާ އުޞޫލުތަކުގައި ވާގޮތުން މޮނިޓަރިންގ ހާލަތުގައިވާ ރަށްތަކަށް ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި ހިފައިގެން ދަތުރު ކުރެވޭނެ ކަމަށް ބަޔާން ކޮށްފައި ވީނަމަވެސް މޮނިޓަރިންގ ހާލަތުގައިވާ ރަށް ރަށަށް އަރާ ފޭބޭނީ އެކަމަށް އެދި އެޗް.ޕީ.އޭ އަށް ހުށަހެޅުމުން އެޗް.ޕީ.އޭ އިން ދޭ ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށެވެ.
މިކަމާއި ގުޅިގެން ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާޙީމް އާދިލް ވިދާޅުވީ އެ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައިސްފާވާ ކަމަށާއި ޚާއްޞަ ހުއްދައެއް ނެތި ރަށަށް ނުފޭބޭނެކަން ތެޔޮ ބޯޓްގެ މުވައްޒަފުންނަށް މިހާރު އަންގާފައި ވާނެކަމަށެވެ.



