ބ.ތުޅާދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުނު ފަހުން ތުޅާދޫގެ ހާލަތު ދެނެގަތުމަށް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 7 ޕަސެންޓް ސާމްޕަލެވެ. އަދި ތުޅާދޫން މި މުއްދަތުގެ ތެރޭގައި ނެގި ޖުމްލަ ސާމްޕަލްގެ ތެރެއިން ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާފައިވަނީ 22 ޕަސެންޓް ސާމްޕަލެވެ.
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ތުޅާދޫ އޮންލައިނުން ތަކުރާރުކޮށް މިއަދުގެ އެކި ވަގުތު ތަކުގައި ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރަށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެ މަރުކަޒުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން ތަފާތު އެކި ދުވަސްތަކުގައި އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ތުޅާދޫން މިހާތަނަށް ރޭންޑަމް ސާމްޕަލްގެ ގޮތުގައި 126 ސާމްޕަލް ނަގާފައި ވެއެވެ. އަދި އޭގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 9 ސާމްޕަލެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 550 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 441 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 55 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.
ތުޅާދޫން މިބައްޔަށް ޖުމްލަ 54 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 04 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 50 އެވެ.



