ބ.ތުޅާދޫން އިތުރު 04 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަ 02 ކުއްޖަކާއި ބިދޭސީއެއް ހިމެނެއެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން މިރޭ އާންމުކުރި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިރޭ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީވެސް ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ސާމްޕަލް ނަގާފައިވާ 04 ފަރާތެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 466 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 374 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 49 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 43 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.
ތުޅާދޫ ކައުންސިލުން މިރޭ އާންމު ކޮށްފައިވާ އިޢުލާންގައިވާ ގޮތުން ކޮޓަރިބަރި – 04 އާއި ކަންމަތީ އިރުމަތީގޭގެ ކަރަންޓީނުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އަދި އަލަށް ކަރަންޓީނަށް ލާފައިވަނީ “ހިތްމަތް” އެވެ.
ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



