ބެސްޓް ޑީލް ފަހާތަން - ފޮޓޯ: ތުޅާދޫ އޮންލައިން

ބެސްޓް ޑީލް، ވެހި ޓެއިލާސް އަދި ކެފޭ ނޯތުގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ބެސްޓް ޑީލް، ވެހި ޓެއިލާސް އަދި ކެފޭ ނޯތުގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

Share on twitter
Share on telegram

އާންމު ޚިދުމަތްދޭ ތިން ތަނެއްގައި މަސައްކަތް ކުރާ 3 ބިދޭސީއަކު މިރޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތުޅާދޫން މިރޭ ކޮވިޑް-19 އަށް ޕޮޒިވްވި ބިދޭސީންގެ ތެރޭގައި ބެސްޓް ޑީލް ފަހާތަނުގައި މަސައްކަތް ކުރާ މުވައްޒަފަކާއި ވެހި ޓެއިލާސްގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އިތުރުން ކެފޭ ނޯތުގެ ކައްކާއެއް ހިމެނޭ ކަމަށް އިތުބާރުހުރި މަސްދަރުތަކުން ތުޅާދޫ އޮންލައިންއަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

މިފަދަ ޢާންމު ޚިދުމަތް ދޭ ތަނެއްގެ 3 މުވައްޒަފަކު ޕޮޒިޓިވް ވެފައި ވާއިރު ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން އެ ތަންތަނުން ޚިދުމަތް ހޯދާފައިވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ތުޅާދޫގައި މިބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ވޭތުވެ ދިޔަ 14 ދުވަސް ތެރޭ އެ ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ފަރުދީ ޒިންމާ ބޮޑެވެ. ލަސް ނުކުރައްވާ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން މުހިންމެވެ. ޢާންމު ޚިދުމަތްދޭ 3 ތަނެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވުމުން ތުޅާދޫ ރައްޔިތުން ވަނީ އިތުރު ބިރުވެރި ކަމެއްގެ ތެރޭގައެވެ.

ވެހި ޓެއިލާސް – ފޮޓޯ: ތުޅާދޫ އޮންލައިން

ތުޅާދޫ ސިއްޙީމަރުކަޒުން މިރޭ އާންމުކުރި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިރޭ ވަނީ އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިރޭ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ 3 މީހަކާއި ފުލޫ ކުލިނިކަށް ދެއްކި 6 މީހުންނެވެ.

ފުލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން 3 ދިވެއްސަކުވެސް ވަނީ މިރޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ޝަބްނަމް ގޭގައި ދިރިއުޅޭ 2 ކުއްޖަކާއި ބިނާކުގައި ދިރިއުޅޭ މީހެކެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 360 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 272 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 31 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 57 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫއަށް މި ބަލި އައީ ކިހިނެއްކަން ސާފެއް ނުވެއެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި ހުމުގެ ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، އޭރު ފުލޫ ކްލިނިކަށް ދެއްކި ބައެއް ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެއް ނުވެއެވެ.

ކެފޭ ނޯތު – ފޮޓޯ: ތުޅާދޫ އޮންލައިން

ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.