ބ.ތުޅާދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުން، ނަގާފައިވާ ސާމްޕަލް ތަކުގެ ތެރެއިން ތުޅާދޫ ސިއްޙީމަރުކަޒުގައި ހުރި 78 ސާމްޕަލް، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ދަރަވަންދޫއަށް ފޮނުވާލައިފިއެވެ.
މިއަދު މެންދުރު ފަހު 3:00 ހާއިރު ދަރަވަންދޫއަށް ފޮނުވާލާފައި ވަނީ ތުޅާދޫން މިމަހުގެ 12 ވަނަ ދުވަހު ނަގާފައިވާ 48 ސާމްޕަލާއި، މިމަހުގެ 13 ވަނަ ދުވަހު ނަގާފައިވާ 30 ސާމްޕަލެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، މި ދުވަސްވަރަކީ ރާއްޖެއަށް ގަދަ ވަޔާއެކު ވާރޭވެހި އަދި އާދަޔާ ޚިލާފަށް ކަނޑު ގަދަ ދުވަސްވަރަކަށްވުމުން، ކޮވިޑްގެ ސާމްޕަލްތައް ނެގުމަށާއި ޓެސްޓް ހެދުމަށްޓަކައި ބ.އަތޮޅު ހޮސްޕިޓަލަށް އަދި ބ. ދަރަވަންދޫ ސިއްޙީމަރުކަޒަށް ސާމްޕަލްތައް ފޮނުވުމުގައި ދަތިތަކާއި ކުރިމަތި ވެފައިވާތީ، ސާމްޕަލްތައް ނެގުމަށާއި ނަތީޖާތައް ލިބުމުގައި ލަސްތަކެއް ވެދާނެކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންގެ ކެތްތެރިކަމަށާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މާހީނޫޒް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 266 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 174 މީހުން މިބައްޔަށް ނައްސި ވެފައިވާއިރު، 78 ސާމްޕަލްގެ ނަތީޖާ އަދިވަނީ ނުލިބިއެވެ. ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ފައްސި ވެފައި ވަނީ 14 މީހުންނެވެ. ވަގުތާއި ހާލަތުގެ ގޮތުން އިއްޔެ ތުޅާދޫން އެއްވެސް ސާމްޕަލެއް ނަގާފައެއް ނުވެއެވެ.
ތުޅާދޫން ކޯވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 09 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 04 މީހަކު ތުޅާދޫން މިބައްޔަށް ވަނީ ފައްސި ވެފައެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު 02 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު މި މަހުގެ 11 ވަނަ ދުވަހު 07 މީހަކު ފައްސި ވެފައި ވެއެވެ. މީގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހު ތުޅާދޫން މި ބައްޔަށް އެކަކު ފައްސި ވެފައި ވެއެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



