ބ.ތުޅާދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެކި ދުވަސް މަތިން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން މި މަހުގެ 11 ވަނަ ދުވަހު ނަގާފައިވާ ސާމްޕަލް ތަކުގެ ތެރެއިން މިރޭ ނަތީޖާ ލިބުނު 75 ސާމްޕަލްވެސް ނައްސި ވެއްޖެ އެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 266 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 174 މީހުން މިބައްޔަށް ނައްސި ވެފައިވާއިރު، 78 ސާމްޕަލްގެ ނަތީޖާ އަދިވަނީ ނުލިބިއެވެ. ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ފައްސި ވެފައި ވަނީ 14 މީހުންނެވެ.
ތުޅާދޫން ކޯވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 09 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 04 މީހަކު ތުޅާދޫން މިބައްޔަށް ވަނީ ފައްސި ވެފައެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު 02 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު މި މަހުގެ 11 ވަނަ ދުވަހު 07 މީހަކު ފައްސި ވެފައި ވެއެވެ. މީގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހު ތުޅާދޫން މި ބައްޔަށް އެކަކު ފައްސި ވެފައި ވެއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން، ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، ބަލީގެ އަލާމާތެއް ހުރެގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފިނަމަ އެފަރާތެއްގެ ސާމްޕަލް އިސްކަމެއް ދީގެން ނަގަމުން ދާނެކަމަށާއި، މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންގެ ކެތްތެރިކަމަށާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



