ތުޅާދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުން - ފޮޓޯ: އިސްރާރު ޙުސައިން

ތުޅާދޫ ކްލަސްޓަރ: އިތުރު 7 މީހުން ޕޮޒިޓިވް، ޖުމްލަ 13 އަށް

ތުޅާދޫ ކްލަސްޓަރ: އިތުރު 7 މީހުން ޕޮޒިޓިވް، ޖުމްލަ 13 އަށް

Share on twitter
Share on telegram

ބ.ތުޅާދޫން އިތުރު 07 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރޭ ތުޅާދޫން ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ ރޯގާގެ ޢަލާމާތްތަކެއް ހުރެގެން ތުޅާދޫ ސިއްޙީމަރުކަޒުގެ ފުލޫ ކްލިނިކަށް ދެއްކި 02 މީހަކާއި، މީގެކުރިން ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓް ވެފައިވާ 05 މީހުންނެވެ. މިހާރު ތުޅާދޫން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 13 އަށް އަރާފައެވެ.

ތުޅާދޫން މިހާތަނަށް 181 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 77 މީހުން މިބައްޔަށް ނެގެޓިވެފައިވާއިރު، 98 ސާމްޕަލްގެ ނަތީޖާ އަދިވަނީ ނުލިބިއެވެ.

ތުޅާދޫން ކޯވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 09 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 04 މީހަކު ތުޅާދޫން މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން، ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، މިރޭ ޖުމްލަ 98 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮންޓެކްޓްރޭސިންގެ ދަށުން ޖުމްލަ 80 ފަރާތެއްގެ ސާމްޕަލް ނަގާފައިވާއިރު، ރޭޑަމް ސާމްޕަލްގެ ގޮތުގައި 05 ސާމްޕަލް އަދި ބަލީގެ އަލާމާތްތައް ހުރެގެން ސިއްޙީމަރުކަޒުގެ ފުލޫ ކްލިނިކަށް ދައްކާފައިވާ 13 ފަރާތެއްގެ ސާމްޕަލް ހިމެނެއެވެ.

މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރެގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފިނަމަ އެފަރާތެއްގެ ސާމްޕަލް އިސްކަމެއް ދީގެން ނަގަމުން ދާނެކަމަށްވެސް މާހީނޫޒް ވިދާޅުވިއެވެ. އަދި މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންގެ ކެތްތެރިކަމަށާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މާހީނޫޒް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.