ކައުންސިލަށް ގޮތެއް ނުނިންމިގެން މަސްވެރިންތަކެއް ރަށަށް ނުފޭބި ފަޅުމަތީގައި 6 ގަޑިއިރު – ރަށަށް އެރުވުމަށް އެދި އާދޭސްކުރަނީ!

ކައުންސިލަށް ގޮތެއް ނުނިންމިގެން މަސްވެރިންތަކެއް ރަށަށް ނުފޭބި ފަޅުމަތީގައި 6 ގަޑިއިރު – ރަށަށް އެރުވުމަށް އެދި އާދޭސްކުރަނީ!

Share on twitter
Share on telegram

ތުޅާދޫ ކައުންސިލާއި ޓާސްކް ފޯސް އަށް ގޮތެއް ނުނިމިގެން، ތުޅާދޫއިން މަސްވެރިކަމަށް ނިކުތް ދޯންޏެއް އެނބުރި ތުޅާދޫއަށް އައުމުން ރަށަށް ނުފޭބި 6 ގަޑިއިރު ވީ އިރުވެސް ތުޅާދޫއަށް އެރުވުމަށް އެދި ފަޅުމަތީގައި ތިބެ އާދޭސް ކުރަމުން އެބަގެންދެއެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ މެންދަމު 03:00 ހާއިރު ތުޅާދޫން ފުރައިގެން މަސްވެރިކަމަށް ނިކުތް “ކެތި” ދޯނި އެނބުރި ތުޅާދޫއަށް ބަނދަރު ކޮށްފައިވަނީ މިއަދު މެންދުރުފަހު 03:00 ހާއިރުއެވެ.

މި ދޯނި މަހަށް ފުރި ފަހުން މި މަހުގެ 9 ވަނަ ދުވަހުގެރޭ 23:00 ހާއިރު ތުޅާދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި އެޗް.ޕީ.އޭ އިން ވަނީ ތުޅާދޫ މޮނިޓަރިންގ ހާލަތަށް ގެނެސް ތުޅާދޫއަށް އަރާ ފޭބުން މަނާކޮށްފައެވެ.

މި ދޯނީގެ ފަޅުވެރިން ރަށަށް ފޭބުމުގެ ހުއްދައަށް އެދި މިއަދު މެންދުރު ފަހު ތުޅާދޫ ކައުންސިލްގައި އެދުމުން އެޗް.ޕީ.އޭ އަށް މެއިލްކޮށް ހުއްދަ ހޯދުމަށް ތުޅާދޫ ކައުންސިލުން އަންގާފައިވާތީ ދޯނި ރަށަށް ބަނދަރު ކުރުމުގެ ކުރިން މެއިލްކޮށްފައިވާކަމަށް އޮޑިވެރިޔާ މަޢުލޫމާތު ދެއެވެ.

އެޗް.ޕީ.އޭގެ ޖަވާބު ގައި ވަނީ މާލެ އަދި މޯނިޓަރިންގ ހާލަތުގައިވާ އެއްވެސް ރަށަކަށް އަރާފައިބާފައި ނުވާކަން ޔަޤީން ވާނަމަ ކައުންސިލް އިދާރާއިން ހުއްދަ ދިނުމުގައި އެޗް.ޕީ.އޭގެ އެއްވެސް އިޢުތިރާޒެއް ނެތްކަމަށާއި ކައުންސިލް އިދާރާއިން ވަކި ގޮތެއް އަންގަންދެން ދޯނިން ދަތުރުކުރާ އެއްވެސް ފަރާތެއް ތުޅާދޫއަށް އަރާ ނުފޭބޭނެ ކަމަށާއި އަދި އެއްވެސް މީހަކަށް ދޯންޏަށް ނޭރޭނެކަމަށެވެ.

“ކެތި” ތުޅާދޫއިން ފުރިފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް ބަނދަރު ނުކުރާކަމަށާއި، ވޭތުވެ ދިޔަ ދެ ދުވަހު ދޯނި އޮތީ 40 މޭލު ބޭރުގައި މަސްވެރިކަން ކުރުމުގައި ކަމަށާއި މާކަނޑުން ނައްޓާލައި ދޯނި ސީދާ ދަތުރު ކޮށްފައިވަނީ ތުޅާދޫ ބަނދަރަށް ކަމަށް އޮޑިވެރިޔާ ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ދެއްވައެވެ.

ތުޅާދޫ ކައުންސިލުގެ ފަރާތުން ދެ ފަހަރެއްގެ މަތީން ބަދަރު ސަރަޙައްދަށް ޒިޔާރަތްކޮށް ދޯނީގައި ތިބި ފަޅުވެރިންނާ މަޝްވަރާކޮށްފައި ވެއެވެ. ނަމަވެސް ފަޅުމަތީގައި 6 ގަޑި އިރު ފާއިތުވެގެން ދިޔަ އިރުވެސް ތުޅާދޫ ކައުންސިލަށް ގޮތެއް ނިންމިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.