ތުޅާދޫގައި ބޯކޮށާ ހިދުމަތްދޭ ތަނެއްގެ މުވައްޒަފެއްގެ އިތުރުން މާލެ ދަތުރު ކުރާ 2 ބޯޓުގެ ފަޅުވެރިން ތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާތީ ތުޅާދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.
ތުޅާދޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކޮންޓްރެކްޓް ޓްރޭސިން ހަދަމުންދާއިރުު ތުޅާދޫ ސްކޫލާއި ޕްރީ ސްކޫލްތަކުގެ ކިޔެވުން ވަނީ ބަންދުކޮށްފަ އެވެ. އަދި އެމެޖެންސީ ހާލަތުގައި ނޫންގޮތަކަށް ޑޮކްޓަރަށް ދެއްކުމަށް ނުދިއުމަށާއި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް ތުޅާދޫ ސިއްޙީމަރުކަޒުން އެދެއެވެ. އަދި ގެއިން ބޭރަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދިއުން ވަނީ މަނާކޮށްފަ އެވެ.
ތުޅާދޫގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، މިހާރު އަންނަނީ ކޮވިޑް-19ގެ ދެވަނަ ޑޯޒް ވެކްސިން ވެސް ދެމުންނެވެ. ނަމަވެސް މިރަށް މޮނިޓަރިން ލާފައިފައިވާތީ ވެކްސިން ޕްރޮގްރާމް ވަނީ މެދުކަނޑާލައިފައެވެ.
ކޮވިޑް-19 ގެ ކޭސްތައް ތުޅާދޫން ފެންނަމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ތުޅާދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ގިނަބަޔަކު އެއްވެ އުޅޭގޮތަށް މަގުފަހިވާ ކަންކަން މުޅިން ހުއްޓާލަން ވަނީ އަންގައިފަ އެވެ. އޭގެތެރޭގައި ސައިހޮޓާ / ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވަކި މުއްދަތެއް ނެތްގޮތަށް ޚިދުމަތް ދިނުން މެދުކަނޑާލައި ޑެލިވަރީ ކުރުން ނޫން ގޮތަކަށް އެތަންތަނުން ޚިދުމަތް ދިނުމަކީ މަނާ ކަމެކެވެ.
އަދި ފިރާހަތަކުން ހިދުމަތް ހޯދާއިރު ޑެލިވަރީގެ ޚިދުމަތް ހޯދުމަށް އިސްކަން ދިނުމާއި އެނޫން ގޮތަކަށް ފިހާތަކުން ހިދުމަތް ހޯދާނަމަ، ތިން މީހުންނަށްވުރެ އިތުރަށް އެއްފަހަރާ ފިހާރަ ތެރެއަށް ނުވަނުމަށާއި ގައިދުރުކަން އިސްކުރުމަށް ވަނީ އަންގައިފަ އެވެ.
ތުޅާދޫ ކައުންސިލުން ބުނީ އާއްމުން ބޭރަށް ނުކުތުމުގައިވެސް ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެކަން ނުކުރުމަށާއި، އަދި ބޭރަށް ނުކުންނަން ވާނީ ޒަރޫރީ ބޭނުމެއް އޮވެގެން ނުކުންނަން ޖެހޭ މީހާ އެކަނި ކަމަށެވެ.
ކުޅިވަރުކުޅޭ މައިޒާން ތަކުގައި ކުޅިވަރުކުޅުން ވެސް މުޅިން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ.
މި ރަށުގައި މި ފިޔަވަޅުތައް އަޅާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.



