ބ.ތުޅާދޫން 4 ފަރާތެއް ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެފައިވާތީ އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްވެފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިރޭ ފަށައިފިއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން، ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، ތުޅާދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި 4 ފަރާތާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށާއި އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށާއި، މިވަގުތު ދެނެގަނެވެފައިވާ ފަރާތްތަކުގެ ސާމްޕަލްތައް ނަގައި މިރޭ ނިންމާލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
މާހީނޫޒް އިތުރަށް ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ފަރާތްތަކުގެ ސާމްޕަލްތައް ނަގައި ނިންމުމަށްފަހު، ކުރިޔަށްއޮތް ދުވަސްތަކުގައި ރަށުތެރެއިން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރެގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފިނަމަ އެފަރާތެއްގެ ސާމްޕަލް އިސްކަމެއް ދީގެން ނަގަމުން ދާނެކަމަށްވެސް މާހީނޫޒް ވިދާޅުވިއެވެ. އަދި މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންގެ ކެތްތެރިކަމަށާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މާހީނޫޒް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



