ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ފިޔަވައި، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.
މި އެންގުމަށް އަމަލުކުރަން ފަށަން އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން 1 ހަފުތާގެ މުއްދަތަށެވެ.
މިއެންގުން މިހެން އޮތް ނަމަވެސް މިމުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދިނުމަށް ވެސް ވަނީ އަންގާފަ އެވެ.
އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރިއިރު އަތޮޅު ތެރޭގައި ހަލުވިކަމާއެކު ދަނީ ކޯވިޑް ފެތުރެމުންނެވެ.
އިއްޔެ ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއިން މިހާރު ވަނީ 30 ހާހަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައެެވެ.



